ރައީސް ޑރ. މުޙަންމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙަންމަދުގެ ދޮށީ ފިރިހެން ދަރިކަލުން އުމައިރުގެ ކަރާމާތް ނަގާލީ އެ ދަރިކަލުންގެ މަންމާފުޅު ސާޖިދާ މުޙަންމަދު އާއި އާއިލާގެ ވަކީލު އާޒިމާ ޝަކޫރު ކަމަށްބުނެ، އެ މައްސަލަ ކަމާގުޅުން ހުރި އިދާރާ ތަކަށް ހުށަހަޅާނެ ކަމަށް އެމްޑީޕީ އިން މިއަދު ބުނެފިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ގާނޫނީ ޓީމުގައި ހިމެނޭ ވަކީލު އަހުމަދު މައުރޫފް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރަން މަސައްކަތް ކުރާނެ ޕާޓީއެއް ކަމަށާއި، މިހާރު އުފެދިގެން އުޅޭ މައްސަލައަކީ ކުޑަކުއްޖެއްގެ މަންމައާއި އިތުރު ބަޔަކު ގުޅިގެން ކުއްޖާގެ ކަރާމާތް ނަގާލި މައްސަލަ ކަމަށެވެ. އަދި އެ މައްސަލަ ފެށުނީ އެމްޑީޕީގެ މުޒާހަރާގައި ދެއްކި ވާހަކައަކުން ކަމަށް ރައީސްގެ އާއިލާއިން ބުނި ނަމަވެސް، އެ މުޒާހަރާގައި އެއްވެސް ކުއްޖެއްގެ ނަން ކިޔާފައި ނެތް ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ. އަދި ކުއްޖާގެ އެއްވެސް މައުލޫމާތެއްވެސް މުޒާހަރާގައި ކިޔާފައި ނެތް ކަމަށެވެ.
މައުރޫފް ވިދާޅުވީ ކުއްޖާގެ މައުލޫމާތު ހާމަވެގެން ދިޔައީ އެ ކުއްޖާގެ މަންމަގެ ފަރާަތުން ގާނޫނީ ވަކީލުން މެދުވެރިކޮށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރި މައުލޫމާތުން ކަމަށެވެ. އެހެންކަމުން ވަކީލު މެދުވެރިކޮށް އިއްވި ބަޔާނުގައި އެއީ ކޮން ކުއްޖެއް ކަމަށާއި އެ ކުއްޖާގެ ނަމާއި އުމުރާއި އަދިވެސް އިތުރު މައުލޫމާތު ހާމަކުރި ހިސާބަކީ ކުޑަކުއްޖެއްގެ ކަރާމާތް ނަގާލި ހިސާބު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމުގެ ކުރިން އެ ކުއްޖާގެ މައުލޫމާތު ނޭނގޭ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ އެކުއްޖާގެ މައުލޫމާތު ނޫސްވެރިންގެ ބައްދަލުވުމުގައި ކުއްޖާގެ މައުލޫމާތު ހާމަ ކުރުމުން އެ ކުއްޖާގެ ކަރާމާތަށް ގެއްލުންވާ ގޮތަށާއި ކުއްޖާއަށް ނުރައްކާވާ ގޮތަށް އަމަލު ކޮށްފައިވާތީ އެކަން އެމްޑީޕީން ކުށްވެރި ކުރާކަމަށެވެ. މައުރޫފް ވިދާޅުވީ އެ މައްސަލައިގައި އެމްޑީޕީން ސާޖިދާ އާއި އާޒިމާ ޝަކޫރާ ދެކޮޅަށްވެސް މައްސަލަ ހުށަހަޅާނެ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ އެ މައްސަލަ އެމްޑީޕީން ހުށަހަޅާނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓަށާއި، އާއިލާތަކާ ބެހޭ މިނިސްޓްރީގެ ދަށުން ހިންގާ ފެމިލީ އެންޑް ޗިލްޑްރެންސް ސާވިސް ޑިޕާޓްމެންޓަށް ކަމަށެވެ.
މި މައްސަލައިގައި އެމްޑީޕީން ސާޖިދާ އާއި އާޒިމާގެ މައްސަލަ ހުށަހަޅަން ތައްޔާރުވާއިރު، މީގެކުރިން ސާޖިދާގެ ފަރާތުން އާޒިމާ ވިދާޅުވެފައި ވަނީ އެ މައްސަލައިގައި އެމްޑީޕީގެ އަންހެން އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ އިތުރުން އެމްޑީޕީގެ މައްސަލަވެސް މަދަނީ މައްސަލައެއްގެ ގޮތުގައި ހުށަހަޅަން އާއިލާއިން ނިންމާފައިވާ ކަމަށެވެ.
އެމްޑީޕީގެ މުޒާހަރާއެއްގައި އެ ޕާޓީގެ އެކްޓިވިސްޓު މަންދީ ތުހުމަތު ކޮށްފައިވަނީ ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާ ކުރީ ރައީސްގެ ދަރިކަލުން ވޭޕް ކުރާތީ ކަމަށެވެ. ނަމަވެސް އޭގެފަހުން ރައީސްގެ އާއިލާގެ ފަރާތުން، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސްގެ ދަރިކަލުންގެ މަންމާފުޅު ސާޖިދާގެ ފަރާތުން، އާއިލާގެ ވަކީލު އާޒިމާ ޝުކޫރު އިއްވި ބަޔާނެއްގައި ސާޖިދާ ވިދާޅުވެފައި ވަނީ ދަރިކަލުން އުމައިރަކީ ދުވަހަކުވެސް ވޭޕް ބޭނުންކުރި ކުއްޖެއް ނޫން ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލުގެ އެއްވެސް ބާވަތެއްވެސް އުމައިރު ބޭނުން ކޮށްފައިނުވާނެ ކަމަށެވެ.