ގާނޫނުއަސާސީން ވަނީ ސުލްހަވެރިކަމާ އެކު، އެއްވެ ހުޅުމުގެ ހައްގު ކަށަވަރުކޮށްދީފައި ކަމަށާއި އެ ހައްގު ގާނޫނީ އިމުގެ ތެރެއިން ތަނަވަސްކޮށްދިނުމަށް ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިރޭ ގޮވާލައިފި އެވެ.
އެޗްއާރްސީއެމުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކޮމިޝަނުން ދަނީ އެމްޑީޕީން މިހާރު ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާތައް މޮނިޓާ ކުރަމުން ކަމަށެވެ. އެޗްއާރްސީއެމުން ބުނީ މުޒާހަރާތައް މޮނިޓާކުރުމުގެ ތެރެއިން މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި މުޒާހަރާގެ ބައިވެރިންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށެވެ. އެޗްއާރްސީއެމުން ބުނީ މުޒާހަރާގެ ބައިވެރިން އަޑުގަދަކުރާ ބޭނުންކޮށް، ގްރީން ޒޯން ހިމެނޭ ސަރަހައްދުތަކަށް ވަންނަން މަސައްކަތް ކުރުމުން ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައިފައި ކަމަށެވެ.
މުޒާހަރާކުރާއިރު އާންމުންނާއި ޓްރެފިކަށް ދަތިނުވާނެ ގޮތެއްގެ މަތިން މުޒާހަރާތައް އިންތިޒާމް ކުރުމަށް ގޮވާލާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ. އަދި މުޒާހަރާކުރުމުގައި ސުލްހަވެރިކަން އިސްކޮށް މަގުތައް ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާނެ ގޮތަކަށް އަމަލުކުރުމަށް ވެސް އިލްތިމާސްކުރާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.
”އަދި ސުލްހަވެރިކޮށް ބޭއްވޭ އެއްވުންތައް ބޭއްވުމަށް ފުރުސަތުދީ އެއްވުންތައް ރޫޅާލަންޖެހޭ ހާލަތްތަކުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ގާނޫނީޫ އިމުގެ ތެރެއިން އެއްވުންތައް ރޫޅާލުމަށް އިލްތިމާސްކުރަމެވެ“ އެޗްއާރްސީއެމުން ބުންޏެވެ.
މީގެ އިތުރުން އެޗްއާރްސީއެމުން ބުނީ މުޒާހަރާގައި ވަނީ ކުޑަ ކުއްޖަކަށް ނިސްބަތްކޮށް އެ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަ ދައްކައިފަ އެވެ. އެގޮތަށް ކުއްޖެއްގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދައްކާފައިވުމަކީ ހިޔާލުފާޅުކުރުމުގެ ނަމުގައި އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ބަޔާނުގައި ބުންޏެެވެ.
އެޗްއާރުސީއެމުން ވަނީ އެފަދަ ކަންކަން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ކަމާ ގުޅޭ އިދާރާތަކަށް ގޮވާލައިފަ އެވެ.
އެ ކޮމިޝަނުން ބުނީ ކުޑަކުދިންނަކީ ހާއްސަ ރައްކާތެރިކަމެއް ގާނޫނުއަސާސީގައި ވެސް ދީފައިވާ ބަޔަކަށްވާއިރު އެކުދިންގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭ ފަދަ ގޮތަކަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެއްވެސް ފަރާތަކުން އަމަލުކޮށްގެން ނުވާނެ ކަމަށެވެެ.
”ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ރައްޔިތުންނަށް ލިބި ދީފައިވާއިރު ހައްގުގެ ބޭނުން ކުރުމުގައި އެއްބަޔަކު އަނެއް ބައެއްގެ ހައްގަކަށް އަރައިނުގަނެ، އެކަކު އަނެކާގެ ކަރާމާތާއި އަބުރަށް އަރައިނުގަނެ، މި ހައްގުތައް ބޭނުންކުރުމާއި އެކަކު އަނެކާގެ ހައްގުތަކަށް އިހްތިރާމުކުރުމަކީ މުޖުތަމައުގެ ހަމަޖެހުމަށްޓަކާ މުހިއްމު ކަމެކެވެ.“ އެޗްއާރްސީއެމުން ބުންޏެވެ.