ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އަށް މާދަމާ ހާޒިރުކުރަން އޮތް އޮތުން އަނެއްކާވެސް ފަސްކޮށްފި އެވެ.
ޖޭއެސްސީ އަށް އަޒްމިރާލްދާ ހާޒިރުކުރަނީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުގެ މައްސަލަ އަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގަ އެވެ.
ކުރިން އަޒްމިރާލްދާ، ޖޭއެސްސީއަށް ހާޒިރުވާން އޮތީ އާދިއްތަ ދުވަހު 11 ޖަހާއިރަށެވެ. އެކަމަކު އޭގެ ފަހުން ހޯމަ ދުވަހަށް ބަދަލުކުރި އެވެ.
އަޒްމިރާލްދާގެ ވަކީލު އިބްރާހިމް ޝަމީލު ވިދާޅުވީ މާދަމާ ހާޒިރުވާން އެންގިނަމަވެސް ވަކި ގަޑިއެއް ޖޭއެސްސީން ނާންގާ ކަމަށެވެ.
ތަހުގީގުކުރާ ސުލޫކީ މައްސަލައިގެ ހުރިހާ އަޑުއެހުުންތަކެއް އާއްމުކޮށް ހުޅުވާލައިގެން ބާއްވައިދިނުމަށް އަޒްމިރާލްދާގެ ފަރާތުން ޖޭއެސްސީ ގައި މިއަދު އެދުނެވެ.
އެކަމަކު މިއަދު ކުރިއަށް ދިޔަ ބައްދަލުވުގައި ކޮމިޝަނުން ނިންމީ އަޒްމިރާލްދާ އެދުނު ގޮތަށް އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށް ނުގެންދިޔުމަށެވެ.
އަޒްމިރާލްދާގެ އިތުރު މައްސަލައެއްވެސް ޖޭއެސްސީން އެބަ ބަލަ އެވެ. އެއީ ހައި ކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް، ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު ހުތުރުބަހުން މުއާމަލާތްކުރެއްވި މަޖިލީހެއް ގައި އަޒްމިރާލްދާ އާއި މަހާޒު ވެސް އިންނެވި މައްސަލަ އެވެ.