އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން އެކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އެންގުމުން، އެ ކޮމިޝަނުން ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން، އެ ކޯޓުގެ ފަނޑިޔާރުން ތިއްބަވާ ރަސްމީ ވަޓްސްއެޕް ގްރޫޕުން ނުކުމެވަޑައިގެންފިއެވެ.
ފަނޑިޔާރު ހުސްނުއްސުއޫދާއި މަހާޒް އަލީ ޒާހިރުގެ އިތުރުން އަޒްމިރަލްދާ ޒާހިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ރަސްމީ ވަޓްސްއެޕް ގްރޫޕުން ބޭރުވެވަޑައިގެންނެވި ނަަމަވެސް އެބޭފުޅުން އަދި ފަނޑިޔާރު ކަމުން ވަކިނުކުރައްވައެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު އަދި ލިބޭގޮތެއް ނުވެއެވެ.
ތިން ފަނޑިޔާރުންގެ ތެރެއިން ސުއޫދާއި ބެހޭގޮތުން ބަލަމުންދާ މައްސަލައަކީ، ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް، ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުތުރުކޮށް ވާހަކަ ދައްކާފަައިވާ ކަމަށް ބުނާ މައްސަލައެއްގައެވެ. އަޒްމިރަލްދާ އާއި މަހާޒާ ބެހޭގޮތުން ބަލަމުންދާ މައްސަލައަކީ އަޒްމިރަލްދާގެ ފިރިމީހާ، ޑޮކްޓަރު އިސްމާއީލް ލަތީފް ދާދިފަހުން ސްޕާއަކުން އަތުލައިގަނެގެން ކޯޓަށް ގެންދިޔުމުން ބަންދު އަމުރަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއްގައެވެ.
މި ތިން ފަނޑިޔާރުން ސަސްޕެންޑް ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފިނަމަ ގޮނޑި ގެއްލޭ އިސްލާޙާ ދެކޮޅަށް ގާނޫނީ ވަކީލް އަލީ ޙުސައިން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތުގެ އަޑު އެހުމެއް ބާއްވައި ދެވަނަ އަޑު އެހުމަކަށް ގޮސްފައި ވަނިކޮށެވެ.