މަޖިލީހުގެ ރައީސް ކަމުގައި މިއިނީ މިނިވަންކަމާއެކު، ހުރަހެއް ނެތް: އަބްދުއްރަޙީމް

މަޖިލީހުގެ ރައީސް ކަމުގައި މިއިނީ މިނިވަންކަމާއެކު، ހުރަހެއް ނެތް: އަބްދުއްރަޙީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި މިވަގުތު އިންނަވަނީވެސް މިނިވަންކަމާއެކު ކަމަށާއި، އެކަމަށް އެއްވެސް ކަމެއްގައި ހުރަހެއް ނެތް ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަޙީމް މިފަދައިން ވިދާޅުވީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ހުށަހެޅި ދެ އަހަރު ދުވަހުގެ އިސްލާޙީ ފިޔަވަޅުތަކާގުޅޭ ރިޕޯޓަށް މަޖިލީހުގައި ކުރިޔަށްދިޔަ ބަހުސްގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ.

މީކާއީލް ވިދާޅުވީ، މަޖިލީހުގެ ރައީސްގެ ޙާލުކޮޅަށް ހަމްދަރުވެވަޑައިގަންނަވާ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ކަމުގައި އަބްދުއްރަޙީމް މިހާރު އިންނަވަނީ "ބަޑި ބައިންދާފައި" ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެހިސާބަށް މީކާއީލްގެ ވާހަކަ ދިޔަ ހިސާބުން ރިޔާސަތުން މަޖިލީހުގެ ރައީސް ވަނީ މީކާއީލްގެ ވާހަކަ ހުއްޓުވައި އެކަމާއި ގުޅިގެން ރައްދުގައި ވާހަކަ ދައްކަވާފައެވެ.

"އިއްޒަތްތެރި މެންބަރަކަށް އެނގިވަޑައެއްނުގަންނަވާނެ އަޅުގަނޑުގެ ސިއްހީ ހާލަތެއްވެސް އަދި ދިރިއުޅުމުގެ ހާލަތެއް ވެސް އަދި އެހެން ހާލަތެއްވެސް. އެހެންވީމަ އެއަށް އެއްޗެއް ވިދާޅުވުމުގެ ފުރުސަތެއް ނުއެއް އޮންނާނެ. އަޅުގަނޑު މި އިނީ މިނިވަންކަމާއެކީގަ މި ގޮނޑީގަ. މި ގޮނޑިއަށް އަޅުގަނޑު އިންތިޚާބު ކޮށްދެއްވީ މި އިއްޒަތްތެރި މަޖިލީހުގެ މެންބަރުން. އަޅުގަނޑަށް ހުރަހެއް މިތަނުގައި އެއްވެސް ކަމަކަށް ނެތް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަޙީމްގެ ވާހަކައަށް މީކާއީލްވެސް ވަނީ ރައްދުގައި ވާހަކަ ދައްކަވާފައެވެ. އެގޮތުން އަބްދުއްރަޙީމްގެ ދަރިކަލުން އިބްރާހީމް ފައިސަލް އާއި އާއިލާގެ ބޭބޭފުޅުންނަށް ސަރުކާރުގެ މަގާމުތަކުން ވަކިކުރި ވާހަކައަށް އިޝާރާތް ކުރެއްވިއެވެ.

އެ ވާހަކައާއި ގުޅިގެން ރިޔާސަތުން އަބްދުއްރަޙީމް ވިދާޅުވީ ކުރިމަތީގައި އޮތް ރިޕޯޓުގެ ބަހުސަށް ވާހަކަ ދެއްކެވުމަށް މެމްބަރަށް ދަންނަވާ ކަމަށެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އާއި ރައީސް ޑރ. މުޙަންމަދު މުއިއްޒުގެ މެދުގައި ފަހަކަށް އައިސް ވަނީ ގުޅުން ގޯސްވެފައެވެ. ގުޅުން ގޯސްވެފައި ވަނިކޮށް މަޖިލީހުގެ ރައީސް ކަމުން އަބްދުއްރަޙީމް ވަކިކުރާނެ ކަމުގެ އަޑުތަކެއްވެސް އެރިއެވެ. ނަމަވެސް ދާދިފަހުން އެދެބޭފުޅުން ވަނީ ރައީސް އޮފީހުގައި ބައްދަލު ކުރައްވައި މަޝްވަރާތަކެއް ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *