‏ރޯދައިގެ ކުރިން އައްޑޫ ކަރަންޓުގެ މައްސަލަ ހައްލު ކޮށްދޭން ޝާހިދު ގޮވާލައިފި

‏ރޯދައިގެ ކުރިން އައްޑޫ ކަރަންޓުގެ މައްސަލަ ހައްލު ކޮށްދޭން ޝާހިދު ގޮވާލައިފި

ކުރިމަތީގައި އޮތީ ރޯދަ މަސް ކަމަށާއި، އައްޑޫ ރައްޔިތުންނަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކޮށްދޭން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ގޮވާލައްވައިފިއެވެ.

ޝާހިދު މިއަދު ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައްޑޫ ސިޓީގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ޙާލަތު މިވަގުތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. ވަކިން ޚާއްސަކޮށް އެ ސިޓީގެ ކަރަންޓުގެ ހާލަތު ގޯސްވުމުގެ ސަބަބުން އާންމު ރައްޔިތުންގެ މުދަލާއި ވިޔަފާރިތަކަށް ދަނީ ގިނަގުނަ ގެއްލުންތަކެއް ލިބެމުން ކަމަށާއި، ނަމަވެސް މި މައްސަލަ ޙައްލު ކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ކުރާތަނެއް ނުފެންނަ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"ރަމަޟާން މަހު ކަރަންޓުގެ އަސާސީ ޙައްޤުން އައްޑޫ ރައްޔިތުން މަޙްރޫމްނުކޮށް، ދަތިޙާލު ނުޖައްސައި، ރޯދައިގެ ކުރިން އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް ސަރުކާރަށް ގޮވާލަން." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، އައްޑޫއަކީ މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީ އޮތް ސިޓީ ކަމަށްވާއިރު، މިކަން ޙައްލު ކުރުމަށް ސަރުކާރުން ޚާއްޞަ ޕްލޭންތަކެއް އެކުލަވާލައި، އަވަސް ޙައްލެއް ހޯދައިދޭން ޖެހޭނެ ކަމަށެވެ.

"މައްސަލަ ޙައްލުނުވެ ދިގުލައިގެންދާ ދިޔުމުން، ސަރުކާރުން މިކަމަށް ދޭންޖެހޭ ސަމާލުކަން ދެއްވާ ކަމަކަށް ޤަބޫލެއް ނުކުރެވޭ." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު މިފަދައިން ވިދާޅުވިއިރު، އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަކީ ހައްލުނުވެ ދިގުލައި ގޮސްފައިވާ މައްސަލައެކެވެ. މިކަމުގެ ކަންބޮޑުވުން އައްޑޫއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދަނީ މަޖިލީހުގައިވެސް ތަކުރާރުކޮށް ފާޅުކުރައްވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *