ސަރުކާރުގެ އިގުތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ކުރިއަށް އޮތް ދެ އަހަރަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ގޮތުގައި އެފަރާތްތަކުގެ މުސާރައިން 10 ޕަސެންޓް އުނިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވައިދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ، މިކަމަކީ އިގުތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ.
އެގޮތުން މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ ތެރެއިން އަސާސީ މުސާރަ، 12،000 ރުފިޔާއަށްވުރެ މަތިން ލިބޭ މަގާމުތަކުގެ އަސާސީ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް މަޖިލީހަށް ހުށަހަޅުއްވައިދެއްވައި، މަޖިލީހުން ނިންމަވާގޮތެއް އަންގަވައިދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.
އަދި ޝަރުއީ ދާއިރާގެ އިސްވެރިންނާއި މަޖިލިސް މެންބަރުންގެ އަސާސީ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް މަޖިލީހަށް ފެނިވަޑައިގަންނަވާ ކަމަށްވާނަމަ، އެކަންވެސް މަޖިލީހަށް ހުށަހަޅުއްވައިދެއްވައި، މަޖިލީހުން ނިންމާ ގޮތެއް އަންގައިވައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސް އެދިވަޑައިގެންފައިވެއެވެ.
އެ މައްސަލަ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ހުށަހެޅުމުން، އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވިއެވެ.
އެ މައްސަލަ ދިރާސާ ކުރުމަށް މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އިދާރީ މޭޒުން ހުށަހެޅި ހުށަހެޅުމުގައި ވަނީ، އެ ފަރާތްތަކުގެ މުސާރައިން 10 ޕަސެންޓް އުނި ކުރުމުން އަހަރަކު ސަލާމަތް ކުރެވޭނީ 14.1 މިލިއަން ރުފިޔާ ކަމަށެވެ.
އެ މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވީ، ހަރަދު ކުޑަކުރުމުގެ ގޮތުން މަޖިލިސް މެންބަރުންގެ މުސާރައިން ވަކި އިންސައްތައެއް ކުޑަކުރަން ދެކޮޅު ނުހައްދަވާ ކަމަށެވެ.
"މިހުރިހާ ތަނަކުން ކަނޑަންޖެހޭ އެމައުންޓެއް ކަނޑައިގެންވެސް އެއްވަނީ އަހަރެއްތެރޭ 14 މިލިޔަން ރުފިޔާ އެއީ މިއަހަރަށް ފާސްކުރި ބަޖެޓްގެވެސް 0.02 އިންސައްތަ އެހެންވީމާ މިއީ ވަރަށް އިންފިގްނިންޓް އަދަދެއް ހަރަދު ކުޑަކުރުމަށް، އޭގެ ބަދަލުގައި ހަރަދު ކުޑަކުރެވޭނެ އެބަހުރި އެހެން ގޮތްތައް،"
އެގޮތުން އަޒާން ވިދާޅުވީ، ބައެއް މުއައްސަސާތައް އެއްކޮށްލައި އަނެއްބައި މުއައްސަސާތައް އުވާލެވިދާނެ ކަމަށެވެ. އޭނާ ވިދާޅުވީ މެންބަރުންގެ މުސާރަ ކުޑަ ކުރުމުގެ ބަދަލުގައި ކުންފުނިތަކުން ކުރާ ބޭކާރު ހަރަދު ހުއްޓާލެވިއްޖެއްޔާ 14 މިލިޔަނަށްވުރެން މާބޮޑޫ އަދަދެއް ސަލާމަތްވާނެ ކަމަށެވެ.
އަޒާންެގެ ވާހަކަތަކަށް ތާއީދު ކުރައްވައި، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ފިނޭންސް މިނިސްޓަރަށް ހަގީގަތް ކިޔައިދީ މެންބަރުންގެ މުސާރަ ކުޑަކޮށްގެން ލިބޭ ކުޑައެއްޗަކުން ކުރާނެކަމެއް ނޯންނަކަން ކިޔައިދޭންޖެެހޭ ކަމަށެވެ. އެހެންކަމުން އެކަމަށް އެހެން މަގުތަކެއް ހޯދަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.