އަލަށް ކުށްކުރާ މީހުންނަށް ދައުވާ ނުކޮށް ލުއި ދެނީ

އަލަށް ކުށްކުރާ މީހުންނަށް ދައުވާ ނުކޮށް ލުއި ދެނީ

އަލަށް ކުށްކުރާ މީހުންނަށް ދައުވާ ނުކޮށް ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ޤައުމެއްގެ ޖިނާޢީ އަދުލުގެ ނިޒާމަކީ، އެޤައުމެއްގެ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށް، އިޖުތިމާޢީ ހަމަޖެހުމާއި ޢަދުލު ޤާއިމުކުރުމުގައި އެންމެ މުހިންމު ނިޒާމް ކަމަށެވެ.

އެހެންކަމުން، ޖިނާޢީއަދުލުގެ ނިޒާމު އިޞްލާޙުކޮށް ރައްޔިތުން އިތުބާރުކުރާ ހަރުދަނާ ނިޒާމަކަށް ހެދުމުގެ މަސައްކަތަކީ، ކޮންމެހެން އިސްކަންދޭންޖެހޭ ވަރަށް މުހިންމު މަސައްކަތެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"މިގޮތުން ތަޙްޤީޤުގައި ކުށަށް އިޢުތިރާފުވާ މީހުންގެ ތެރެއިން ކުދިކުދި ކުށް ކުރާ މީހުން އެފަދަ ޢަމަލުތަކުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން، އަދި އެ މީހުންނަށް އިތުރު ފުރުސަތު ދީ، މުޖުތަމަޢަށް ރުޖޫޢަވެ، މުޖުތަމައުގައި ކުށުން ދުރުހެލިވެގެންވާ ރަނގަޅު ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި، އެ މީހުންގެ މައްޗަށް ކުށުގެ ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ، މައްސަލަ ނިންމޭ މިންވަރު އިތުރުކުރުން ވަރަށް މުހިންމުކަމުގައި ދެކެން”ރައީސް ވިދާޅުވިއެވެ.

މިއާއެކު ރައީސް ވިދާޅުވީ، ނަސޭހަތުގެ އެއްބަސްވުމަކީ ޤާނޫނުގައި ވަކި މިންވަރަކަށްވުރެ ލުއި އަދަބެއް ކަނޑައެޅިފައިވާ ކުށް ކުރާ މީހުންނާއި، އަލަށް ކުދި ކުށް ކުރާ މީހުން ކުށަށް އިޢުތިރާފު ވާނަމަ ކުށުގެ ވެށިން ދުރުހެލިކޮށް މުޖުތަމަޢަށް އެނބުރި ރުޖޫޢަވުމަށް ދެވޭ މުހިއްމު ފުރުޞަތެއް ކަމަށެވެ.

"މި އެއްބަސްވުމުގައި އެމީހަކު ކުރާ ކުށަކާ ގުޅިގެން އެމީހެއްގެ މައްޗަށް ދަޢުވާކުރުމުގެ ބަދަލުގައި ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ވަކި މުއްދަތަކަށް އިތުރު ކުށެއް ނުކޮށް ހެޔޮ ގޮތުގައި ދެމިހުރެއްޖެ ނަމަ، އޭނާ ކުރި ކުށާ ގުޅިގެން އޭނާގެ މައްޗަށް ދަޢުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އެއްބަސްވާނެ. އަދި މި މުއްދަތުގެ ތެރޭގައި އިތުރު ކުށެއް ކޮށްފިނަމަ، އެ ކުށަކާ ގުޅިގެން ނަސޭހަތުގެ އެއްބަސްވުން ވެވުނު ކުށާއި، ދެވަނައަށް ކުރި ކުށާއެކު، އެ ދެ ކުށަށް ދެ ދަޢުވާ ކޯޓަށް ހުށަހެޅިގެން ދާނެ. މީގެ ބޭނުމަކީ އަލަށް ކުދި ކުށްކުރާ މީހުންނަށް އަލުން މުޖުތަމަޢަށް ރުޖޫޢަވުމުގެ ފުރުޞަތު ދިނުން." ރައީސް ވިދާޅުވިއެވެ.

ނިޒާމު ހަރުދަނާކުރުމަށް ތަހުގީގުކުރާ ފުލުހުންނާއި ދައުލަތުގެ ވަކީލުންނާއި އަދި ދިފާއީ ވަކީލުންނަށް ހާއްސަ ތަމްރީންތައް ދިނުންފަދަ ކަންކަން ފަހިކޮށްދިނުމުގައި ސަރުކާރުން ކޮށްދެވެންހުރި ހުރިހާކަމެއް ކުރުމަށް ގަސްތުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *