ޕީޕީއެމް އާއި އެމްއާރްއެމް އުވާލުމުގެ ފަހަތުގައި ހުންނެވީ ރައީސް ޑރ. މުޙަންމަދު މުއިއްޒު ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ އެކްސްގައި ވިދާޅުވީ، ރައީސް މުއިއްޒުގެ މާސްޓަރ ޕްލޭނަކީ ވެރިކަންކުރާ ޕީއެންސީ ފިޔަވައި އެހެން ޗޮއިސްއެއް އިދިކޮޅަށް ނުދިނުން ކަމަށެވެ.
"ޕީޕީއެމް އާއި އެމްއާރްއެމް އުވާލުމުގެ ފަހަތުގައިވާ ރައީސް ޑރ. މުއިއްޒުގެ މާސްޓަރ ޕްލޭނަކީ ޕީއެންސީ ފިޔަވާ އެހެން ޗޮއިސްއެއް، އެމްޑީޕީ އާއި އިދިކޮޅު ފިކުރުގެ އެއްވެސް މީހަކަށް ނުދިނުން ކަމަށް ބެލެވޭ" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ މިފަދައިން ވިދާޅުވެފައިވާއިރު، ޕީޕީއެމް އާއި އެމްއާރްއެމްވެސް މިހާރު ވަނީ އިލެކްޝަންސް ކޮމިޝަނުން އުވާލާފައެވެ. ޕީޕީއެމް އުވާލީ އެ ޕާޓީގެ ސެނެޓުން ޕާޓީ އުވާލަން ނިންމުމާއި ގުޅިގެންނެވެ. އަދި އެމްއާރްއެމް އުވާލީ ޕާޓީ ދަފްތަރުގައި މެމްބަރުން ހަމަނުވާ ކަމަށް ނިންމާފައެވެ.