ރައްޔިތުންގެ މަޖިލިސް މި އަހަރަށް ފެށުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުއިއްޒު އިއްވަން އޮތް ރިޔާސީ ބަޔާން ނުއިއްވިގެން ޖަލްސާ މެދުކަނޑާލައިފިއެވެ.
ރައީސް މުއިއްޒަށް ރިޔާސީ ބަޔާން ނުއިއްވުނީ، އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ މަޖިލިސް މެމްބަރުން، މަޖިލިސް ތެރޭގައި އިހުތިޖާޖު ކުރަމުންދިއުމާއި ގުޅިގެންނެވެ. ޖަލްސާ މެދުކަނޑާލީ އެމްޑީޕީގެ މެމްބަރުންގެ ނަން އިއްވުމަށްފަހުއެވެ.
މިއަދުގެ ޖަލްސާގައި ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަމުން ގެންދެވިއިރު، އެމްޑީޕީގެ 12 މެމްބަރުންވެސް ދިޔައީ އިހުތިޖާޖު ކުރައްވަމުންނެވެ. އެގޮތުން ރައީސް މުއިއްޒުގެ ސަރުކާރަށް ފާޑުކިޔައި ޕޯސްޓަރުތައްވެސް މެމްބަރުން ދިޔައީ މައްޗަށް އުފުއްލަވަމުންނެވެ. އަދި ހުސްވި އަހަރުގެ ރިޔާސީ ބަޔާނުގައި ހުރި ކަންކަން ނުވާކަން މެމްބަރުން ދިޔައީ ފާހަގަ ކުރައްވަމުންނެވެ.
އެމްޑީޕީގެ މަޖިލިސް މެމްބަރުން، މަޖިލީހުގެ ތެރޭގައި އިހުތިޖާޖު ކުރައްވަމުން ގެންދަވާއިރު، މަޖިލިސް ހިމެނޭ ސަރަހައްދާ ކައިރީގައި އެމްޑީޕީގެ އާންމު މެމްބަރުންވެސް ގެންދަނީ އިހުތިޖާޖު ކުރަމުންނެވެ.