މި މަހުގެ 1 ވަނަ ދުވަހު ބުރިޖު ހައިވޭގައި ހިނގި ޖަހާފައިވާ ކޯނެއްގައި ޖެހި ސައިކަލުން ވެއްޓި ހިނގި އެކްސިޑެންޓުގައި، އޭނާ ސައިކަލާއެކު ވެއްޓި އޮއްވައި ފަހަތުން ބާރު ސްޕީޑުގައި އައި ސައިކަލެއް އޭނާގެ ބޯމަތިން ދުއްވާފައިދިޔަ ވީޑިޔޯއެއް އާންމު ވެއްޖެއެވެ.
މި ވީޑިޔޯއިން ފެންނަ ގޮތުގައި ކޯނުގައި ޖެހި އެމީހާ ސައިކަލާއެކު ވެއްޓެނީ ކޯނު ކައިރިއަށެވެ. އޭރު ފަހަތުން ބާރު ސްޕީޑުގައި ސައިކަލެއްގައި މީހަކު އާދެއެވެ. ވެއްޓިފައި އޮތް މީހާއަށް ބެލުމެއް ނެތި، ސައިކަލު މަޑުނުކޮށް އޭނާ ސައިކަލުގައި ދިޔައީ ވެއްޓިފައި އޮތް މީހާގެ ބޯމަތިންލާފައެވެ. އެވަގުތު ވެއްޓިފައި އޮތްމީހާ ބޯ ހިއްލާލާފައި އިށީދެ ބަލާލާ މަންޒަރުވެސް ފެނެއެވެ.
އެކްސިޑެންޓްވި މީހާ ހޮސްޕިޓަލަށް ގެންދިޔަތާ ގިނައިރުތަކެއް ނުވެ ވަނީ މަރުވެފައެވެ. 8:20 ހާއިރު ހިނގި މި އެކްސިޑެންޓަށްފަހު، އޭނާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެނިކޮށް މަރުވީ 9 ޖަހާކަންހާއިރުއެވެ. މަރުވި މީހާއަކީ ބަންގްލަދޭޝްގެ ފިރިހެނެކެވެ.
އެ ވީޑިއޯ އާންމުވިފަހުން ފުލުހުން މިއަދު ބުނީ އެ އެކްސިޑެންޓާ ގުޅިގެން 60 އަހަރުގެ ދިވެހި އަންހެނަކާ ސުވާލުކޮށް، އޭނާގެ ސައިކަލް ފުލުހުން ޓޯކޮށްފައިވާ ކަމަށެވެ. އަދި ލައިސަންސްވެސް ހިފަހައްޓައިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް 60 އަހަރުގެ އެ އަންހެން މީހާއަކީ މަރުވި ބިދޭސީ މީހާގެ ހަށިގަނޑު މަތިން ސައިކަލް ދުއްވި މީހާކަން ފުލުހުން ކަށަވަރުކޮށެއް ނުދެއެވެ. އަދި ވީޑިޔޯއިން ފެންނަ ގޮތުން މަރުވި މީހާގެ ބޯމަތިން ސައިކަލުގައި ދިޔައީ އަންހެނެއްކަމެއް ނުވަތަ ފިރިހެނެއްކަމެއް ސާފެއްނުވެއެވެ.