މިއަދު ޓޫރިޒަމް މިނިސްޓަރު ކަމުން ވަކިކުރެއްވުމާއި ހަމައިން މިހާރު ހުންނެވީ ރައީސް ޑރ. މުޙަންމަދު މުއިއްޒުގެ ސަރުކާރާއެކުގައި ނޫން ކަމަށާއި، ނަމަވެސް ސިޔާސީ މަސައްކަތުގައި ދެން މާގަދައަށް ފެންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ކަމުން ވަކިކުރެއްވި އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިޔާއަކަަށް ފައިސަލް މިއަދު ވިދާޅުވެފައި ވަނީ، ސިޔާސީ މަސައްކަތުގައި ދެން ކުރިއަށް ވަޑައިގަންނަވާނެ ގޮތެއް ނިންމާނީ ބައްޕާފުޅު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ އަބްދުއްރަޙީމްއާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.
ފައިސަލް ވިދާޅުވެފައި ވަނީ ވަޒީރުކަމުން ވަކިކުރެއްވި ކަމުގެ ސިޓީ ރައީސް އޮފީހުން ލިބުނީ މިއަދު ހެނދުނު ކަމަށެވެ. ނަމަވެސް މަގާމުން ވަކިކުރެއްވި ސަބަބެއް ސިޓީގައި ނެތް ކަމަށް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ސިޔާސީ މަސައްކަތުގައި މިއަށްވުރެ ގަދަޔަށް ފެންނާނެ. މިހާރު ދެން މިހުރީ ސަރުކާރާ އެކުގައެއް ނޫން ދެއްތޯ،" ފައިސަލް ވިދާޅުވެފައިވެއެވެ.
ފައިސަލް ވިދާޅުވީ ވަޒީރު ކަމުގައި ހޭދަކުރެއްވި މުއްދަތުގައި ކޮރަޕްޝަނަށް މަގުފަހިވާނެ އެއްވެސް ކަމެއް އޭނާ ކުރައްވާފައި ނޯންނާނެ ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރު ކަމުން ފައިސަލް ވަކިކުރެއްވިއިރު، ފައިސަލްގެ ބައްޕާފުޅު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުއިއްޒާ ދެމެދު ގުޅުން ގޯސްވެފައިވާތާ ދުވަސްކޮޅެއް ވެއްޖެ ކަމުގައި ޕީއެންސީގެ އެތެރެއިން މައުލޫމާތު ލިބިފައިވެއެވެ.