ކުރީގެ ރައީސުން އުޅުނީ ދެވަނަ ދައުރުގެ ދަހިވެތި ކަމުގައި، ރައީސް މުއިއްޒުގެ އެ ދަހިވެތި ކަމެއް ނެތް: ފަލާހު

ކުރީގެ ރައީސުން އުޅުނީ ދެވަނަ ދައުރުގެ ދަހިވެތި ކަމުގައި، ރައީސް މުއިއްޒުގެ އެ ދަހިވެތި ކަމެއް ނެތް: ފަލާހު

ކުރީގެ ރައީސުން، ރައީސް ކަމަށް ވަޑައިގަތުމަށްފަހު އުޅުއްވީ ދެވަނަ ދައުރެއްގެ ދަހިވެތި ކަމުގައި ކަމަށާއި، ނަމަވެސް ރައީސް މުއިއްޒުގެ ކިބައިގައި ދެވަނަ ދައުރުގެ ދަހިވެތި ކަމެއް ނެތް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ރައީސް، ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރ. އިންނަމާދޫގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، ކުރީގެ ރައީސުން ކުރައްވަން ބޭނުންފުޅަސް، އެ ކަންކަން ނުކުރެއްވުނީ ދެވަނަ ދައުރުގެ ދަހިވެތިކަން ބޮޑުވެގެން ކަމަށެވެ.

ފަލާހު ވިދާޅުވީ، ދެވަނަ ދައުރެއް ހޯދުމުގެ ނިޔަތް ރައީސް މުއިއްޒުގެ ނެތް ކަމަށާއި، އެހެންވެ ކުރީގެ ރައީސުން ކުރަން ބޭނުންވިޔަސް، ނުކުރެވުނު ކިތަންމެ ކަމެއް ރައީސް މުއިއްޒުގެ ވެރިކަމުގައި އަހަރެއްހާ ދުވަސް ތެރޭގައި ކުރައްވައިފި ކަމަށެވެ.

"މީގެކުރީގެ ވެރިން ކުރަން ބޭނުންވި، އެހެން ނަމަވެސް ދެވަނަ ދައުރެއްގެ ދަހިވެތި ކަމުގައި ނުކުރެވި ހުރި އެތައް މައްސަލަތަކެއް އެމަނިކުފާނު (ރައީސް މުއިއްޒު) އެއްއަހަރާއި މިވީ ކުޑަދުވަސް ކޮޅުގެ ތެރޭގައި ދިވެހި ރާއްޖޭގައި މިވަނީ ހައްލު ކޮށްދެއްވާފައި،" ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ، ރައީސް މުއިއްޒު ކުރައްވާ މަސައްކަތްތަކަކީ ދެވަނަ ދައުރެއް ހޯދުމުގެ ނިޔަތުގައި ކުރައްވާ ކަންކަން ނޫން ކަމަށެވެ. އެއީ ރައްޔިތުންނަށްޓަކައި ކުރައްވާ ކަންކަން ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ރ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންނަމާދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި އޭނާ ވިދާޅުވީ ރައީސް  ބޭނުންފުޅުވަނީ މި ވެރިކަމުގެ 5 އަހަރު ދުވަސްތެރޭ، ގައުމުގެ ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށް ދެއްވަން ކަމަށެވެ.

ފަލާހު ވިދާޅުވީ، ރައީސް މުއިއްޒު ވަރުގެ ރައީސަކު ދިވެހިންނަށް ދެން ނުލިބޭނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ރައީސް މުއިއްޒު ފެނިގެންދާނީ މުޅިން ތަފާތު ރައީސެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *