ތ. ވިލުފުށީގައި ހުންނަ "މަސްޖިދުލް ޢުމަރު ފާރޫޤް" ގެ ބަޔެއްގައި ދިވެހިންނާއި ބިދޭސީން ކުޅިވަރު ކުޅޭ ވީޑިޔޯއެއް ސޯޝަލްމީޑިޔާގައި މިއަދު ދައުރުވާން ފެށުމާއެކު، އެކަން އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފިއެވެ.
ވީޑިޔޯއިން ފެންނަނީ ދެ ޖިންސުގެ މީހުން އެކުގައި އެކި ފާޑުފާޑުގެ ކުޅިވަރުތައް ކުޅޭ މަންޒަރެވެ. ސާބަސް ދިނުމާއި ހުނުމާއި އަތްތިލަބަޑި ޖެހުންފަދަ ކަންކަންވެސް އެތަނުގައި ކުރަމުން ދިޔައެވެ. އެއާއެކު ގިނަބަޔަކު ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙަންމަދު ޝަހީމް އަލީ ސައީދު މި މައްސަލައިގައި މިއަދު ވިދާޅުވީ، އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައުމާއެކު، މިސްކިތުގެ ހުރުމަތް ކެނޑި މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުން އަންނަ ކަމަށެވެ. މިނިސްޓްރު ވިދާޅުވީ، އެކަން ހިނގާފައިވާ ގޮތް ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މި މައްސަލައިގައި ފިޔަވަޅު އަޅާނީ މިސްކިތް ތަކުގެ ހުރުމަތް ކަނޑާ ފަރާތްތަކަށް ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނާއި ޤަވާއިދުގެ ދަށުން ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ވީޑިޔޯއަކީ 2024 ވަނަ އަހަރު އޮތް "މުދައްރިސުންގެ ދުވަސް" ފާހަގަ ކުރުމުގެ ގޮތުން އޮތް ކުޅިވަރު ތަކެކެވެ. މިކަން ކޮށްފައިވަނީ މިސްކިތުގެ ނަމާދު ކުރާ ހޯލު ނޫން ތަނެއްގައި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އެއީ ޖަލްސާތައް ބާއްވާ ހޯލު ކަމަށްވެއެވެ.
ސޯޝަލްމީޑިޔާގައި ގިނަބަޔަކު ބުނަމުންދަނީ ނަމާދު ކުރާ ހޯލު ނޫނަސް، މިސްކިތުގެ ހަރިންމައިން އެތެރޭގައި، މިސްކިތުގެ އެހެން ހޯލެއްގައި ވިޔަސް ދެޖިންސުގެ މީހުން އެކުގައި ޖަމާވެ ކުޅިވަރު ކުޅެގެންނުވާނެ ކަމަށެވެ.