ތައިލެންޑާއި ޔޫއޭއީ އިން އާސަންދަ ދޭން ފަށައިފި

ތައިލެންޑާއި ޔޫއޭއީ އިން އާސަންދަ ދޭން ފަށައިފި

ބޭސްފަރުވާގެ ޚިދުމަތް ތައިލެންޑާއި ޔުނައިޓެޑް އަރަބި އެމެރިރޭޓްސް (ޔޫއޭއީ) އިން "އާސަންދަ" ގެ ޚިދުމަތް މިއަދު ދޭން ފަށައިފިއެވެ.

އާސަންދަ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިވަގުތު ތައިލެންޑުގެ 2 ހޮސްޕިޓަލަކާއި ޔޫއޭއީ އިން 1 ހޮސްޕިޓަލަކުން އާސަންދައިގެ ޚިދުމަތް ލިބޭނެގޮތް ވަނީ ގާއިމް ކޮށްފައެވެ. އެގޮތުން އާސަންދައިގެ ޚިދުމަތް ދިނުމަށްޓަކައި އެއްބަސްވެފައިވާ ތައިލެންޑުގެ 2 ހޮސްޕިޓަލަކީ ވެރިރަށް ބެންކޮކުގައި ހުންނަ ވޯލްޑް މެޑިކަލް ހޮސްޕިޓަލާއި ބެންކޮކް ހޮސްޕިޓަލެވެ. ޔޫއޭއިން އާސަންދަ ދިނުމަށް އެއްބަސްވެފައި ވަނީ ވެރިރަށް އަބޫދާބީގައި ހުންނަ މެޑިކަލް ސިޓީ ހޮސްޕިޓަލެވެ.

އާސަންދައިން ބުނީ މިވަގުތު ބޭސްފަރުވާއަށް ޔޫއޭއީ އިން ޚިދުމަތް ދޭނީ ހަމައެކަނި ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ޖެހިފައިވާ ބަލި މީހުންނަށް އެކަނި ކަމަށެވެ.

"ފުރަތަމަ އިސްކަންދިނުމަށް ހަމަޖެހިފައި ވަނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ބަލި މީހުންގެ ތެރެއިން ފަސްޓް ޑިގްރީ ޑޯނާއެއް (އާއިލާގެ ތެރެއިން ކިޑްނީ ޑޮނޭޓްކުރާނެ ފަރާތެއް) ނުލިބުމުގެ ސަބަބުން ކިޑްނީ ޓްރާންސްޕްލާންޓް ނުކުރެވި އެކަމުގެ ވޭން ތަހައްމަލު ކުރަމުން ދާ ފަރާތްތަކަށެވެ،" އާސަންދައިން ބުނެފައިވެއެވެ.

އާސަންދައިން ބުނީ، މިހާތަނަށް އާސަންދަ އަށް އެމްޕެނަލް ކުރެވިފައިވާ ގައުމުތަކުގެ އުސޫލުތައް ކަނޑައެޅިފައިވާ ގޮތުން، ކިޑްނީ ޑޯނަރަކީ ފަސްޓް ޑިގްރީ ޑޯނާއަކަށް ވުން އެ ގައުމުތަކުގެ ގާނޫނާއި ގަވާއިދު ތަކުން ލާޒިމުވާތީވެ، ފަރުވާ ކުރިއަށް ގެންދެވިފައި ނުވާ މީހުން ތިބި ކަމަށެވެ. އެހެންވެ، އާސަންދަ ސްކީމަށް އިތުރު ކުރާ މި އެމްޕެނަލްމަންޓާ އެކު، މި ކަހަލަ ހާލަތުގައި ތިބި މީހުންނަށް ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް މަގުފަހިވާނެ ކަމަށެވެ.

އާސަންދަ އިން ބުނީ، ތައިލެންޑަށް ފޮނުވުމުގައި މި ވަގުތު އިސްކަންދޭނީ އެއް ބައްޔަކަށް ގިނަ ދުވަސްތަކެއް ވަންދެން ފަރުވާކުރަން ޖެހި، ބަލި ފަސޭހަ ނުވެފައި ތިބޭ މީހުން ކަމަށެވެ.

"ދެވަނަ ބަޔަކީ، ރާއްޖެ، އިންޑިޔާ ނުވަތަ ސްރީ ލަންކާގެ މަރުކަޒެއް މެދުވެރިކޮށް، އެތައް ފަހަރެއްގެ މަތިން ފަރުވާދެވުނު ނަމަވެސް އެ ފަރާތެއްގެ ބަލި ހަލަތަށް ކުރިއެރުމެއް ނުލިބި، ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކެވެ. އެފަދަ ފަރާތްތަކަށް ކަމާ ބެހޭ ޑޮކްޓަރުންގެ ޓީމްގެ ފަންނީ ލަފައާއެކު، ބަލިމީހާ ރިފާ ކުރާނެ މަރުކަޒު މި ކުންފުނިން ކަނޑައަޅާ އެ ފަރާތްތަކަށް ބޭނުންވާ ބޭސްފަރުވާއަށް އެހީ ފޯރުކޮށްދެވޭނެއެވެ،" އާސަންދަ އިން ބުނެފައިވެއެވެ.

އާސަންދައިން ބުނީ ބޭސްފަރުވާއަށް ޔޫއޭއީ އާއި ތައިލެންޑަށް ފޮނުވާނީވެސް، އިންޑިޔާ އާއި ސްރީލަންކާއަށް ދިވެހިން ފަރުވާއަށް ފޮނުވަމުން އަންނަ އުސޫލުން، ރިފަރަލް ނިޒާމުގެ ތެރެއިން ކަމަށެވެ.

އާސަންދަ އިން ބުނީ ކުރިޔަށް އޮތް ތަނުގައި އިތުރު ބަލިތަކަށްވެސް ތައިލެންޑާއި ޔޫއޭއީ އިން އާސަންދައިގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.

ޔޫއޭއީ އާއި ތައިލެންޑުން އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭން މިއަދު ފެށިއިރު، ރާއްޖޭގެ އިތުރުން އިންޑިޔާ އާއި ސްރީލަންކާއިން އާސަންދައިގެ ޚިދުމަތް ވަރަށް ކުރީއްސުރެ ދަނީ ފޯރުކޮށް ދެމުންނެވެ. އެގޮތުން ރާއްޖޭން ބޭރުގެ 57 ހޮސްޕިޓަލަކުން އާސަންދައިގެ ޚިދުމަތް ލިބެމުންދެއެވެ. އެއީ އިންޑީޔާގެ 49 ހޮސްޕިޓަލަކާއި ސްރީލަންކާގެ 8 ހޮސްޕިޓަލަކުންނެވެ. ރާއްޖޭގައި ސަރުކާރު ހޮސްޕިޓަލުތަކާއި އަމިއްލަ ހޮސްޕިޓަލުތަކާއި ބަޔެއް ކްލިނިކް ތަކުންވެސް އާސަންދަ ލިބެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *