ރާއްޖެއަށް މިއަދުން ފެށިގެން ކުރިއަށް އޮތް 5 ދުވަހަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
މެޓް އޮފީހުން މިއަދު ބުނީ ރާއްޖެއަށް ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވަނީ ސްރީލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކަމަށެވެ. ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، މިކޮޅިގަނޑާއި ގުޅިފައިވާ ލޯޕްރެޝާ ޓްރަފްގެ ސަބަބުން، އާ އަހަރުގެ ބަންދު ތެރޭގައި (ޖަނަވަރީ 1 އިން 5) އަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑުގެ ގަދަވެ އަދި ބައެއް ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މެޓް އިން ލަފާ ކޮށްފައިވާގޮތުގައި ވައިޖެހޭނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް، އުތުރާއި އިރު އުުތުރުން، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވާނެ ކަމަށް ބެލެވޭ ކަމަށް މެޓް އިން ވިދާޅުވެފައި ވެއެވެ.
އެހެންކަމުން ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަަމަށް ލަފާ ކުރެވޭ ކަމަށްވެސް މެޓް އިން ވިދާޅުވެފައި ވެއެވެ.