އެމްޑީޕީގެ ދަފްތަރުގައި ތިބި މެންބަރުން ވަގަށް އެހެން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ޖައްސަމުންދާ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާން އެ ޕާޓީން ނިންމައިފިއެވެ.
އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ޕާޓީގެ މެންބަރުން ސަރުކާރު ހިންގާ ޕީއެންސީއަށް ވައްދައި، ސަރުކާރުގެ މުއައްސަސާތަކުގައި ރައްކާކޮށްފައި ހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުން ކޮށްގެން ޕީއެންސީއަށް ފޯމު ފުރައި މެމްބާޝިޕް އިތުރު ކުރަމުންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށެވެ.
"ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ މި ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުންވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް ޕީއެންސީގެ ހިމަނާފައިވާތީ އެ މައްސަލަ އެންމެ ހަރުކަށި އިބާރާތުން މި ޕާޓީން ކުށްވެރި ކުރަން،" އެ ޕާޓީން ބުންޏެވެ.