ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ އަހުމަދު ސައީދަށް ދައުވާކުރަން ފޮނުވައިފި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން މިއަދު ބުނީ ސައީދުގެ އިތުރުން އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް ދައުވާކުރަން ނިންމައި ކުރިމިނަލް ކޯޓަށް މިއަދު މައްސަލަ ހުށަހަޅައިފައިވާ ކަމަށެވެ.
އެ ދެ މީހުންގެ މައްޗަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކަމަށް ޕީޖީން ބުންޏެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ސައީދާއި ދީނާގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ ކުރަނީ 2018 އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށް، އެ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދާއިދީފައިވާ މައްސަލައިގައި ކަމަށް ޕީޖީން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ ފެނަކައިގެ އެ ނިންމުމުގެ ސަބަބުން 848,000 ރ. ގެއްލުން ލިބިފައިވާ ކަމަށެވެ.
ފެނަކައިގެ މައްސަލައެއްގައި ސައީދުގެ މައްޗަށް ދައުވާ އުފުލިއިރު، އޭސީސީން މިހާރު ވެސް އަންނަނީ އޭނާއާ ގުޅޭ މައްސަލަތަކެއް ބަލަމުންނެވެ. އެ މައްސަލަތަކާ ގުޅިގެން ޕާސްޕޯޓް ވެސް ހިފެހެއްޓި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސައީދު ފެނަކަ ހިންގެވިއިރު ހިޔާނާތުގެ ވަރަށް ބޮޑެތި ތުހުމަތުތައް އެ ކުންފުންޏަށް އަމާޒުވި އެވެ. އަދި ވަކި ބަޔަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ޕްރޮޖެކްޓް ހަވާލުކުރުން ފަދަ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް އޭސީސީއަށް އޭރު ހުށަހެޅި އެވެ.
އެކަމަކު އެ މައްސަލަތައް ތަހުގީގުކޮށް އެކަށީގެންވާ ފިޔަވަޅެއް އޭސީސީން އޭރު އަޅާފައެއް ނުވެ އެވެ.