ކާރިސާތަކުން ރައްކާތެރިވުމަށް ޑިޒާސްޓާ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ ފާސްކޮށްފި

ކާރިސާތަކުން ރައްކާތެރިވުމަށް ޑިޒާސްޓާ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ ފާސްކޮށްފި

ކާރިސާތަކުން ރައްކާތެރިވުމަށް "މޯލްޑިވްސް ޑިޒާސްޓާ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ 2024 – 2030″ މިއަދު ފާސްކޮށްފި އެވެ.

އެ ސްޓްރެޓަޖީ ފާސްކޮށްފައިވަނީ މިއަދު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ކައުންސިލުންނެވެ. ރައީސް ޑރ މުހައްމަދު މުއިއްޒު ރިޔާސަތުގައި އިންނަވައި ބޭއްވި އެ ބައްދަލުވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.

މިއަދު ފާސްކުރި މޯލްޑިވްސް ޑިޒާސްޓާ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީގެ މައިގަނޑު މަގްސަދަކީ މޫސުމީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ކުރިމަތިވެދާނެ ކާރިސާތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެށްޓާއި ބިނާވެށި ރައްކާތެރިކުރުމާއި، ރައްޔިތުންގެ ގެދޮރާއި މުދާ ހިމާޔަތްކުރުމަށް އަދި ކާރިސާތަކަށް ކުރިއާލާ ތައްޔާރުވުމެވެ. އޭގެ އިތުރުން، ކާރިސާތަކަށް ވިލުންތެރި މުޖުތަމައުއެއް ބިނާކުރުމާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމެވެ.

އެ ސްޓްރެޓަޖީ ތަސްދީގުކުރުމުގެ ސަބަބުން ގުދުރަތީ ކާރިސާތަކުން ލިބިދާނެ އަދި ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، މިދާއިރާއިން އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ އެވެ.

އަދި އެފަދަ ސްޓްޓެޖީއެއް އެކުލަވާލައި ޑިޒާސްޓާ މެނޭޖްމަންޓް ކައުންސިލުން ފާސްކުރަން ނިންމީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި އަދި ބިންތިރި ޖަޒީރާ ގައުމުތަކަށް ލިބޭ ގެއްލުމާއި ގުޅޭގޮތުން ބައިނަލްއަގްވާމީ މައިދާނުގައި އަބަދުވެސް ވަކާލާތުކުރާ ގައުމެއްގެ ހައިސިއްޔަތުންނެވެ. އެފަދަ ސްޓްރެޓަޖީއެއްގެ ސަބަބުން މިކަންކަމަށް ވަކާލާތުކޮށް އަޑުއުފުލުމުގެ ފުރުސަތު އިތުރުކުރެވިދާނެތީ އެވެ.

މޯލްޑިވްސް ޑިޒާސްޓާ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީއެއް އެކުލަވާ ކުމަކީ، 2030 އަންނަން ވާއިރަށް ގައުމުތަކުގައި ޑިޒާސްޓާ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީތައް އެކުލަވާލަން ޖެހޭނެކަމަށް ސެންޑައި ފްރޭމްވޯކް ފޯ ޑިޒާސްޓާ ރިސްކް ރިޑަކްޝަން (2015-2030) ގައި ބަޔާންކޮށްފައިވާ 7 ލަނޑުދަނޑި ތަކުގެ ތެރެއިން ލަނޑުދަނޑި 5 ގައި ހިމަނާފައިވާ ކަމެކެވެ.

ޑިޒާސްޓާ ރިސްކް ރިޑަކްޝަން 2015-2030 ގެ ސެންޑައި ފްރޭމްވޯކް ފާސްކޮށްފައިވަނީ 2015 ވަނަ އަހަރުގެ މާރިޗު މަހުގެ 18 ވަނަ ދުވަހު ޖަޕާނުގެ ސެންޑައިގައި ބޭއްވި އދގެ ތިންވަނަ ވޯލްޑް ކޮންފަރެންސްގަ އެވެ.

ރާއްޖެއަކީ ޑިޒާސްޓާ ރިސްކް ރިޑަކްޝަންގެ މަސައްކަތާއި ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަނަށް ކުރެވެންހުރި މަސައްކަތްތައް ގުޅުވާލައިގެން މިފަދަ ސްޓްރެޓެޖީއެއް ނެރެފައިވާ މަދު ގައުމުތަކުގެ ތެރެއިން ގައުމެކެވެ.

އެގޮތުން އެ ސްޓްރެޓެޖީގެ އެއް އެނެކްސް ހާއްސަކުރެވިފައިވަނީ ޕެރިސް އެގްރިމަންޓުގެ ދަށުން ހެދުމަށް ކަނޑައެޅޭ ނެޝަނަލް އެޑެޕްޓޭޝަން ޕްލޭންއާއި ސެންޑާއި ފްރޭމްވޯކް އަށެވެ. އަދި ޑީއާރް އާރް ސްޓްރެޓެޖީ ގުޅުވައިގެން ރާއްޖޭގެ ވިލުންވެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް ވީހާވެސް ސްޓްރީމްލައިންކޮށް އިސްރާފު ކުޑަކުރެވޭނެގޮތްތަކުގެ މައްޗަށް ބިނާކޮށްގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *