ރޭ ޕީއެންސީން ބޭއްވި ޖަލްސާގައި، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙަންމަދު ނިހާދު، ޓޫރިޒަމް ދާއިރާއަށް އެމްޑީޕީން ޓަރަރިސްޓް ހަމަލާއެއް ދޭން އުޅޭކަމަށް ވިދާޅުވެ ދެއްކެވި ވާހަކަ ތަކަކީ ސީރިއަސް މައްސަލައެއް ކަމަށާއި، އެ މައްސަލަ ބަލަން ކަމާގުޅުން ހުރި ހުރިހާ އިދާރާ ތަކަށް ގޮވާލައިފިއެވެ.
ރޭ ޕީއެންސީން ބޭއްވި ޖަލްސާގައި ނިހާދު ވިދާޅުވެފައި ވަނީ އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅެނީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 2 މިލިއަން ފަތުރުވެރިންނަށް އަންނަ ބުރާސްފަތި ދުވަހު އަރާތީ އެކަން ހުއްޓުވުމަށް ކަމަށެވެ.
ކުރިން އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު، ރިޔާސީ ދައުރު ނިމުމުން ޕީއެންސީއަށް ބަދަލުވި މެމްބަރުންގެ ތެރޭގައިވެސް ހިމެނިވަޑައިގަންނަވާ ނިހާދު ރޭ ދެއްކެވި ވާހަކަތަކާއި ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ނިހާދު ކުރެއްވި ތުހުމަތުތަކަކީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނަވައިގެން ކޮށްގެން ނުވާނެ ފަދަ ސީރިއަސް ތުހުމަތުތަކެއް ކަމަށެވެ. އަދި ދޮގު ތުހުމަތުތަކެއް ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.
"ޕީއެންސީގެ ޖަގަހައިގައި ނިހާދު ދެއްކި ވާހަކަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނާއި އެ އިންޑަސްޓްރީގައި މަސައްކަތް ކުރަމުންދާ ހުރިހާ މުވައްޒަފުންނާއި އަދި ޓޫރިސްޓުންނަށް ހިދުމަތް ދޭ ހުރިހާ ވިޔަފާރިއެއްގެ ސަލަމާތައި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކަށް އެމްޑީޕީން ގޮވާލަން،" އެމްޑީޕީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީން ބުނީ، ވެރިކަން ކުރާ ޕާޓީން އެފަދަ ހަގީގަތާ ޚިލާފު ތުހުމަތުތައް ކުރަމުން ދިޔުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކަކާ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށެވެ. އަދި ސަރުކާރުގެ އިސްބޭފުޅުންގެ ބަސްމަގު ހުރިގޮތުން މިއަހަރުވެސް ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
އަނެއްކާވެސް ރާއްޖޭގެ ޓޫރިޒަމާ މެދު ބިރުވެރި ތަސައްވުރެއް އުފައްދައި ރާއްޖެ ނޫން އެހެން މަންޒިލުތައް ޓޫރިސްޓުން ޚިޔާރު ކުރަން ހިތްވަރު ދޭ ގޮތަށް ސަރުކާރުގެ ވެރިންގެ ބަސްމަގު ބެހެއްޓުން ބަލައިނުގަނެވޭނެ ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.