ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ފިރިހެން ދަރިފުޅު، މޫސާ ރިމްޒީ މާރާމާރީ ހިންގި މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އުމުރުން 30 އަހަރުގެ ރިމްޒީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހަމަނުޖެހުމެއްގެ ތެރެއިން މާރާމާރީ ހިންގުމުންނެވެ.
އެނގިފައިވާ ގޮތުގައި އޭނާ މާރާމާރީ ހިންގާފައިވަނީ އޭނާގެ މަންމަގެ މަރުގެ މައްސަލައިގައި، ތުހުމަތުކޮށް ވާހަކަދެއްކި މީހަކާއެވެ. އޭނާގެ ގައިގައި ރިމްޒީ ވަނީ ޖަހާފައެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައިގައި ތަހުގީގު ކުރިއަށް ދާ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް ހޮޅުދޫގެ ރައްޔިތުން މީގެ ކުރިން ވަނީ ދެ ފަހަރެއްގެ މަތިން މުޒާހަރާ ވެސް ކޮށްފައެވެ. ބުރާސްފަތި ދުވަހު ހިނގި މާރާމާރީއާ ގުޅިގެން ވެސް ރަށުތެރެ ހޫނުވެފައިވާ ކަމަށް އެ ރަށުން ވާހަކަދެއްކި ބައެއް މީހުން ކިޔައިދިނެވެ.
ފުލުހުން އެ މައްސަލައިގައި މިހާތަނަށް ބުނެފައިވަނީ ޒަކިއްޔާއަށް އެހެން މީހަކު ހަމަލާ ދިންކަން އެނގޭ އެއްވެސް ހެއްކެއް ލިބިފައި ނުވާ ކަމަށެވެ. އަދި، ބައެއް ތަހުލީލުތައް ކުރިއަށްދާ ކަމަށެވެ.






