ރެއިން ފެށިގެން ހުއްޓުމެއް ނެތި ކުރި ވިއްސާރައިގައި މާލެގެ ފަސް ގެއެއްގައި ދިރިނޫޅެވޭ ވަރަށް ފެން ބޮޑުވެފައިވާތީ އެގެތަކުގެ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފި އެވެ.
ރޭ ކުރި ވިއްސާރައިގައި މާލޭގެ ބޮޑު ސަރަަހައްދެއްގައި، ހާއްސަކޮށް މާފަންނުގެ އެކި ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ.
މެޓް އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައަ ދައްކާގޮތުން މިދިޔަ 24 ގަޑިއިރު މާލެއަށް ވަނީ136.5 މިލިލީޓަރުގެ ވާރޭވެހިފައިވެ އެވެ
އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން ޕީއެސްއެމަށް މިއަދު ވިދާޅުވީ ފެންބޮޑުވެ ހާލަތު ގޯސްވެފައިވާ ފަސް ގެއަކުން މީހުން ބަދަލުކުރަން ޖެހިފައިވާ ކަމަށާއި އެއް ގެއިން މީހުން ބަދަލު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ފެން ބޮޑުވުމުގެ ސަބަބުން ވަރަށް ގިނަ ގެތަކެއްގައި ވެލި ބަސްތާ ޖަހަން ޖެހިފައިވާ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ. އެމްއެންޑީއެފުން މިއަދު ބުނީ މާލޭގައި ބޮޑުވި ފެންގަނޑު ހިއްދުމުގެ މަސައްކަތައް ސިފައިން ދަނީ 16 ޕަމްޕެއް ބޭނުން ކުރަމުން ކަމަށެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ގޭބިސީތަކަށް ފެންވަންނަމުން ދާތީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވެލިބަސްތާ ޖެހުމުގައި މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ވެސް ބުނީ ވާރޭވެހި މާލޭގައި ފެންބޮޑުވެފައިވާތީ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މާލޭއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމުގެ އިންޒާރު މިދިޔަ ބުރާސްފަތި ދުވަހު މެޓް އޮފީހުން އިދާރާތަކަށް ދީފައިވެ އެވެ.






