ޒުވާނުންެއާއި ހަރުފުރައިގެ މީހުންގެ މެދުގައި މަޝްހޫރުވެފައިވާ "ފޮނި ފޯއް" ތައްޔާރު ކުރަނީ ފާޚާނާ އާއި ގޮނޑެއް ފަދަ މުޑުދާރު ތަނެއްގައިކަން މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފި އެވެ.
އިމިގްރޭޝަނުން މިއަދު ވަނީ މާލޭގައި ވަރަށް ނުތާހިރުކޮށް ހުރި ގެއެއްގެ ތެރޭ ފޮނިފޯއް ހަދައިގެން ވިއްކަމުންދާ ބިދޭސީއަކު އަތުލައިގެންފަ އެވެ.
އިމިގްރޭޝަނުން އެކްސްގައި މިއަދުކުރި ޕޯސްޓެއްގައި ބުނީ، އެ އިދާރާއަށް ލިބުނު ރިޕޯޓަކާ ގުޅިގެން ޓާސްކްފޯހުން ރޭ ހެންވޭރުގައި ހުންނަ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެތަނުގައި އާންމު މިންގަނޑުތަކާ ޚިލާފަށް ވިޔަފާރީގެ ބޭނުމަށް ކާބޯތަކެތި ތައްޔާރު ކުރާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ވަނީ ގޭގެ އެތެރެ ފެންނަ ފޮޓޯތަކެއް ހިއްސާކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަނީ، ވަރަށް މުޑުދާރުކޮށް ހުރި ތަނެއްގައި ފޯއް ކޮށައި، ޕެކެޓުކޮށްފައިވާ މަންޒަރެވެ.
މީގެއިތުރުން، ފިހާރަތަކުން އާންމުކޮށް ލިބެން ހުންނަ ގިނަ ބާވަތްތަކުގެ ކާބޯތަކެތި އެތަނުން ފެނިފައިވާ ކަމަށާއި އެ މަސައްކަތް ކުރަމުން ދިޔަ ބިދޭސީ މީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުން އަންނައިރު، މީގެ ކުރިން ވެސް ނުތާހިރުކޮށް ހުރި ތަންތަނުގައި ކާބޯތަކެތި ތައްޔާރުކުރާ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
އިމިގްރޭޝަނުން މީގެ ކުރިން ވަނީ، މި އަހަރުގެ އަމާޒަކީ ގަވާއިދާ ޚިލާފަށް އުޅޭ 5،000 ބިދޭސީން ފޮނުވައިލުން ކަމަށާއި އެ އަމާޒަށް މިދިޔަ މަހު ވާސިލުވެފައިވާ ކަމަށް ބުނެފައެވެ






