600 ރުފިޔާ ޓްރާންސްފާކުރި ކަމުގެ ފޭކް ސްލިޕެއް ފޮނުވި މީހަކު ޖަލަށްލައިފި

600 ރުފިޔާ ޓްރާންސްފާކުރި ކަމުގެ ފޭކް ސްލިޕެއް ފޮނުވި މީހަކު ޖަލަށްލައިފި

ވިޔަފާރި ކުރުމަށްފަހު ފޭކު ސްލިޕެއް ފޮނުވި މީހަކު ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ފޭކު ސްލިޕް ފޮނުވި މައްސަލައިގައި ޖަލަށް ލައިފައިވަނީ ހއ.ހޯރަފުށީ / އާސްތާނާ، އިބްރާހިމް ބައްޝާރު ހަމީދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ އެނގިހުރެ ސައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާއެވެ. ކުރިމިނަލް ކޯޓުން ވަނީ އޭނާ  9 މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ.

އޭނާގެ މައްޗަށްކުރި ދައުވާގައިވާ ގޮތުން އޭނާ ވަނީ 23 ޖުލައި 2022 ވަނަ ދުވަހު 13:00 ހައިއިރު ކ.މާލޭ، ކިނބިގަސްމަގުގައި ހުންނަ "އީފާންޓްރޭޑް" ފިހާރައަށް ގޮސް ނެސްކެފޭ ޕައުޑަރު 500 ގުރާމުގެ 3 ދަޅާއި ބޮޑު އެކްސެލް ދަޅެއް ގަނެފަ އެވެ. މިތަކެތީގެ އަގަށްވާ 600 ރުފިޔާ ދެއްކި ކަމަށް ބުނެ އޭނާ ވަނީ ފޭކު ސްލިޕެއް ފިހާރައިގެ ވައިބާ ނަންބަރަށް ފޮނުވާފަ އެވެ.

އިބްރާހިމް ބައްޝާރު ހަމީދު އެ ދައުވާއަށް އިންކާރުކޮށްފަ އެވެ. އެހެންކަމުން ދައުލަތުން ވަނީ އޭނާއާ ދެކޮޅަށް ހެކި ހުށަހަޅާފައެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސިޓީއަކާއި ވައިބާ ކުރި ޓްރާންސްފާ ސްލިޕް ރިފަރެންސް ނަންބަރުގައި ހަދާފައިވާ ސްލިޕުވެސް ވަނީ ހުށަހަޅާފަ އެވެ.

ހަމައެއާއެކު އޭނާ ވިޔަފާރި ކުރި ތަކެތީގެ އަގަށްވާ ފައިސާ ފިހާރައިގެ އެކައުންޓަށް ނާންނަ ކަމަށާއި އެދުވަހު އިބްރާހިމް ބައްޝާރު ހަމީދު އަނެއްކާވެސް ފިހާރައަށް އައިކަން ސީސީޓީވީގެ ފުޓޭޖުންނާއި ޅ.ހިންނަވަރު / ގުލްފާމުގޭ މުހައްމަދު އިޝްވާނު އިބްރާހިމްގެ ހެކިބަހުން ވަނީ ސާބިތުވެފައެވެ.

މި މައްސަލައިގައި އިބްރާހިމް ބައްޝާރު ހަމީދު ބުނެފައިވަނީ ޓްރާންސްފާ ސްލިޕް ފޮނުވާފައިވާ ސިމްގެ ރަޖިސްޓްރީ ނަންބަރު އިންނަނީ އެފަރާތުގެ ނަންމަތީގައި ނޫން ކަމަށެވެ. އަދި އޭނާގެ މައްޗަށް ކަނޑައެޅޭ އަދަބު ޖޫރިމަނާއަށް ބަދަލުކޮށްދިނުމަށް ވަނީ އެދިފައެވެ. ނަމަވެސް ޖޫރިމަނާ ދެއްކޭނެ ގޮތެއްވެސް ނެތް ކަމަށް އޭނާ ވަނީ ކޯޓުގައި ބުނެފަ އެވެ.؛

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *