ވިސާ ނެތި ރާއްޖޭގައި އުޅޭތާ 12 އަހަރު ވެފައިވާ ފްރާންސްގެ އާއިލާއިން ރާއްޖޭގެ ރަށްވެހި ކަމަށް އެދިއްޖެއެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގެ ރަށްވެހިކަން ނުލިބިއްޖެނަމަ، އެ އާއިލާއިންވެސް ބޭނުންވަނީ ރާއްޖެ ދޫކޮށްދާށެވެ. ތ. ވޭމަންޑޫގައި ދިރިއުޅެމުންދާ 6 މީހުންގެ ފްރާންސްގެ އާއިލާ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭތާ ވަނީ 12 އަހަރު ވެފައެވެ. އެ މީހުން އަތުގައި އެއްވެސް ޓްރެވެލް ޑޮކިއުމެންޓެއްވެސް ނެތް ކަމަށްވެއެވެ. އަދި އާއިލާގެ އެންމެ އިސްކޮށްތިބި ދެމަފިރިންގެ ޕާސްޕޯޓުގެ މުއްދަތުވެސް ވަނީ ހަމަވެފައެވެ. އެ އާއިލާ ރާއްޖެ އައީ ޓޫރިސްޓް ވިސާގައެވެ.
އެ އާއިލާ ފުރުވާލަން އިމިގްރޭޝަނުން މަސައްކަތް ކުރަމުން ދާއިރު އެކަމުގެ ކަންބޮޑުވުން އާންމުން ދަނީ ފާޅު ކުރަމުންނެވެ. އަދި ޖަމިއްޔާއެއް ކަމަށްވާ, ޔޫތު ފޯ ޔުނިޓީއިން ރޭ އާޓިފިޝަލް ބީޗުގައި އެ މީހުން ފުރުވާލުމާ ދެކޮޅަށް އަޑުވެސް އުފުލިއެވެ. އެ މީހުންނަށް ރާއްޖޭގެ ރަށްވެހިކަން ނުވަތަ 'އެސައިލަމް' ދޭން އެއްވި މީހުން ގޮވާލާފައިވެއެވެ.
އިމިގްރޭޝަނުން ބުނެފައި ވަނީ އެ މީހުންގެ އެއްވެސް ލިޔެ ކިޔުމެއް ނެތުމުން މިހާރު ކުރަމުންދަނީ ލިޔެކިޔުންތައް ހަމަ ކުރުމުގެ މަސައްކަތްތައް ކަމަށެވެ. ނަމަވެސް އެ މީހުން ފުރުވާލަނީ ކަމެއް ނުވަތަ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކޮށްލަނީ ކަމެއް މި ވަގުތު އަދި ކަށަވަރެއްނޫނެވެ.
އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން މީގެކުރިން ވަހީދު ވިދާޅުވެފައި ވަނީ، އެ އާއިލާގެ މައްސަލަ ބަލަން ފަށައި އެ އާއިލާގެ އިސްފަރާތް އިމިގްރޭޝަނަށް މިދިޔަ އޮކްޓޫބަރު މަހު ހާޒިރުވެސް ކުރި ކަމަށެވެ. އަދި އެ ފަރާތް ތަކުގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާތީ އެ މީހުންގެ ޓްރެވަލް ޑޮކިއުމަންޓްސް ހޯދަމުންދާ ކަމަށާއި އެ ލިޔުންތައް ލިބުނުހާ އަވަހަކަށް އެ އާއިލާ ފޮނުވާލާނެ ކަމަށްވެސް ޝަމްއާން މީގެ ކުރިން ވިދާޅުވެފައިވެއެވެ.