ރާއްޖެއާ ދިމާލަށް ބޮޑު ދެކޮޅިގަނޑު، ފަސް ދުވަހަށް މޫސުން ގޯސްވާނެ

ރާއްޖެއާ ދިމާލަށް ބޮޑު ދެކޮޅިގަނޑު، ފަސް ދުވަހަށް މޫސުން ގޯސްވާނެ

ރާއްޖެއާ ކައިރީގައި ވަރަށް ބޮޑު ދެކޮޅިގަނޑު އުފެދިފައިވާ ކަމަށާއި، ކުރިއަށް އޮތް ފަސް ދުވަސް ވަންދެން ރާއްޖެއަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ބުނެފިއެވެ.

މޫސުމާބެހޭ އިދާރާއިން މިހާރު ވަނީ ރީނދޫ ސަމާލު ނެރެފައެވެ. އެއީ ރާއްޖޭގެ ސަރަހައްދުން ބޮޑު ބަޔަކަށް ބޯކޮށް ވިއްސާރާނެ ކުރާނެ ކަމަށް ލަފާކުރެވޭތީއެވެ.

މެޓު އޮފީހުން ބުނީ މިއަދުވެސް ބޯކޮށް ވިއްސާރަ ވެހޭނެ ކަމަށާއި، ރާއްޖެ ކައިރީގައި އުފެދޭ ދެ ކޮޅިގަނޑުގެ ސަބަބުން ކުރިޔަށް އޮތް ފަސް ދުވަހަށް މޫސުން ގޯސްވާނެ ކަމަށްވެސް ބެލެވޭ ކަމަށެވެ. މެޓުން ބުނީ، އިއްޔެ  ބަންގާޅު ކަނޑުގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި ކުރިއަށް އޮތް ދެދުވަސް ތެރޭގައި މިކޮޅިގަނޑު އިންޑިޔާގެ ޓަމިލްނާޑޫގެ އައްސޭރިފަށާ ދިމާލަށް ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުގެ އިތުރުން، ރާއްޖެއާ ދުރުން ދެކުނުގައި ކޮޅިގަނޑެއް އުފެދި، އެ ކޮޅިގަނޑު ހުޅަނގަށް ދަތުރު ކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް މެޓުން ބުންޏެވެ.

އެހެންކަމުން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ސަރަހައްދު ތަކަށް ވައި ބާރުވާނެ ކަމަށްވެސް މެޓުން ލަފާ ކުރެއެވެ. އެގޮތުން، ދެކުނާއި މެދުރާއްޖެތެރެއަށް ގަޑިއަކު 17 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވެއެވެ. އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. އުތުރުގެ ހިސާބު ތަކަށް އާދައިގެ ވަރަކަށް ކަނޑުގަދަވާނެ ކަމަށް ބެލެވޭއިރު، މެދުރާއްޖެތެރެއާއި ދެކުނުގެ ހިސާބުތަކަށް އިތުރަށް ކަނޑުގަދަވާނެ ކަމަށް ބެލެވޭކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

މޫސުމާބެހޭ އިދާރާއިން ބުނީ، މިދުވަސްވަރު ގަދަވަޔާއެކު ވިއްސާރަކޮށް، ގުގުރުމާއެކު ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލާއި 55 މޭލަށް ވައިގަދަވުން އެކަށީގެން ވާކަމަށެވެ.

އެހެންކަމުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *