ޗައިނާއަކީ އަބަދުވެސް ދިވެހިރާއްޖެއިން އިތުބާރުކުރާ ރަޙްމަތްތެރިއެއް ކަމުގައި ނައިބު ރައީސް ޙުސައިން މުޙަންމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ޗައިނާގައި މިހާރު ކުރިއަށްދާ، ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފޯރަމްގެ ތިންވަނަ ބައްދަލުވުމުގެ ތެރެއިން، ޗައިނާ ސަރުކާރުގެ އޮފިޝަލުންނާއެކު ބޭއްވެވި ގްރޫޕް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ދިވެހިރާއްޖެއިން "ވަން-ޗައިނާ" ޕްރިންސިޕަލާމެދު ގެންގުޅޭ ދެމެހެއްޓެނިވި އިލްތިޒާމަކީ ދެ ޤައުމުގެ ގުޅުން ދެމެހެއްޓުމުގެ މައިގަނޑު ތަނބު ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ، ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ތިންވަނަ ބައްދަލުވުމަކީ، ދެ ޤައުމުގެ މެދުގައި އެއްބާރުލުމާއި ތަޖުރިބާ ހިއްސާ ކުރުމަށް ލިބުނު މުހިންމު ފުރުޞަތެއް ކަމަށެވެ.
ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޗައިނީސް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް (ސީ.ޕީ.ޕީ.ސީ.ސީ)ގެ ނެޝަނަލް ކޮމިޓީގެ ވައިސް ޗެއާމަން ވޯންގް ޔޮންގްއެވެ.
ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ) އާއި ޔުނަން ޕްރޮވިންޝަލް ޕީޕަލްސް ގަވަރމަންޓުން ރާއްޖޭގެ ވަފްދަށް ވިދާޅުވި ފުރިހަމަ މެހެމާންދާރީއަށްޓަކައި ނައިބު ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.