20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމައި، މިއަދުން ފެށިގެން ޗުއްޓީއަށް ހިނގައްޖެއެވެ.
މަޖިލިސް ޗުއްޓީއަށް ދިޔައީ މި ދައުރުގައި ކުރަން ހުރި މަސައްކަތުގެ 73.3 ޕަސެންޓް މަސައްކަތް ނިންމާފައި ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން، މަޖިލިސް ރައީސް އަބްދުއްރަހީމް އަބުދުﷲ ވިދާޅުވީ، މި ދައުރުގައި މަޖިލީހުން މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން މި ދައުރުގައި ޖުމްލަ 27 ޖަލްސާ ބާއްވައި، އެ ޖަލްސާތަކުގައި ޖުމުލަ 67 ގަޑިއިރު ހޭދަކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ކޮމިޓީތަކުގެ ޖުމްލަ 165 ބައްދަލުވުން ބާއްވައި، ކޮމިޓީ ތަކުގެ ބައްދަލުވުންތައް ޖުމްލަ 118 ގަޑިއިރު ހޭދަކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މި ދައުރުގައި ޖުމްލަ 20 ބިލާއި، އެއް ގަރާރާއި ސަރުކާރުން ހުށަހެޅި 13 މައްސަލަ އާއި ރިޔާސަތުން ހުށަހެޅި ފަސް މައްސަލައާއި 4 ކުއްލި މައްސަލަ ކުރިއަށް ގެންގޮސްފައިވާއިރު، ވަޒީރުންނާ 13 ސުވާލެއްކޮށް އެހެނިހެން މައްސަލަަތަކާ ގުޅޭ 7 ރިޕޯޓުގެ މަސައްކަތް ނިމިފައިވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.