ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައި ހިމެނޭ މެންބަރުންނަކީ، މުސްލިމުން ނޫންކަމަށް ބުނަން ފެށީ، ރައްޔިތުންގެ މެދުގައި ބައިބައިވުން އުފައްދައި ދީނީގޮތުން ފިތުނަ އުފެއްދުމަށް ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މެންބަރުންނަކީ އިސްލާމްދީން ޤަބޫލުކުރާ ބައެއް ނޫން ކަމަށް ވިދާޅުވެ މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ދެއްކެވި ވާހަކަ ކުށްވެރި ކުރައްވައި، ސޯޝަލް މީޑިޔާގައި ޝާހިދު ވިދާޅުވީ، ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން އެގޮތަށް ވިދާޅުވާން ފެށީ ރައްޔިތުންގެ ތާއީދު ސަރުކާރަށް ގެއްލި ސިޔާސީ ގޮތުން ބަލިވާން ފެށުމުން، އެކަން ފޫބެއްދުމަށް ކަމަށެވެ.
ޝާހިދު ވިދާޅުވީ، ޤާނޫނުއަސާސީގެ 9 ވަނަ މާއްދާގައި ދިވެހިރައްޔިތް ކަނޑައަޅައި ބަޔާންކޮށް، މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެކަން ކަނޑައަޅައިފައި ވާތީ ކޮންމެ ދިވެހިރައްޔިތަކީވެސް މުސްލިމެއް ކަމަށެވެ.
އެހެންކަމުން، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާ ބުނާގޮތުން، މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު އެމީހަކީ މުރުތައްދު ވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރުމަކީ ޖިނާއީ ކުށެއް ކަމުގައިވެސް ޝާހިދު ވިދާޅުވިއެވެ.
"ދިވެހިރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ނިސްބަތްވާ ޕާޓީއެއްގެ މެންބަރުންނަކީ، މުސްލިމުން ނޫންކަމަށް ބުނުމަކީ ރައްޔިތުންގެ ތާއީދު ގެއްލި ސިޔާސީގޮތުން ބަލިވާން ފެށުމުން، އެކަން ފޫބެއްދުމަށް ޓަކައި ރައްޔިތުން ބައިބައި ކުރުމަށް ދީނީގޮތުން ފިތުނަ އުފެއްދުމަށް ފެށި ކަމެއްކަން ފާހަގަކުރެވެއެވެ." ޝާހިދުގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.
"ޤާނޫނު ނަންބަރު 6/94 (ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގައި ވާގޮތުން، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގައިލުމަށް މަސައްކަތް ކުރުމާއި އެ ބާވަތުގެ ވާހަކަދެއްކުމަކީ މަނާ ކަމެކެވެ." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވަނީ މި މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން އަވަހަށް ބަލައި، އެކަށިގެންވާ ފިޔަވަޅު އަޅައިދިނުމަށްވެސް ގޮވާލައްވާފައެވެ.