މި ސަރުކާރަށް އަހަރެއް ވީއިރު ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ: އިބޫ

މި ސަރުކާރަށް އަހަރެއް ވީއިރު ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ: އިބޫ

މި ސަރުކާރަށް އެއް އަހަރު ވެގެންދިޔައިރު، ރައްޔިތުންގެ އިތުބާރު މުޅިން ގެއްލިއްޖެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙަންމަދު ސޯލިހު (އިބޫ) މިރޭ ވިދާޅުވެއްޖެއެވެ.

އިބޫ މިފަދައިން ވިދާޅުވީ، މިރޭ ކާނިވާ ސަރަހައްދުގައި ކުރިޔަށް ގެންދާ "ޤާނޫނުއަސާސީގެ ދިފާއުގައި" ނަމުގައި ކުރިޔަށް ގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އިބޫ ވިދާޅުވީ މީގެކުރިންވެސް ސަރުކާރާމެދު ދެކިވަޑައިގަންނަވަނީ ކިހިނެތްތޯ މީޑިޔާއަކުން ސުވާލު ކުރުމުންވެސް ވިދާޅުވީ ސަރުކާރާމެދު އެއްޗެއް ބުނަން އަދި އަވަސް ކަމަށާއި، އަހަރެއް ވުމުން އެއްޗެއް ވިދާޅުވެވިދާނެ ކަމަށެވެ. އެގޮތުން މިހާރު އަހަރެއްވީއިރު ސަރުކާރަށް އިތުބާރު ގެއްލިއްޖެ ކަމަށް މިހާރު ވިދާޅުވާނެ ކަމަށެވެ.

އިބޫ ވިދާޅުވީ، ސަރުކާރަށް އަހަރެއް ވީއިރު، ރާއްޖޭގައި ދައްޗެއް އުދަނގުލެއްނުވާ އެކަކުވެސް ނެތް ކަމަށާއި، ރާއްޖޭގެ މަސްވެރިންވެސް މިހާރު އުޅެމުން ދަނީ ތާރީޚުގައިވެސް އެންމެ ދަތި ދުވަސްތަކުގައި ކަމަށެވެ.

އިބޫ ވިދާޅުވީ، މިރޭ ނުކުމެ މިތިބީ އަނިޔާވެރިކަމުން ރައްޔިތުން ސަލާމަތް ކުރަން ކަމަށާއި، އިދިކޮޅުން އެއްވުމުން ސަރުކާރުން ވައުދު ފުއްދާނަމަ، ކުރިޔަށް އޮތްތަނުގައި ގިނަ އެއްވުންތައް ބާއްވަން ފެނިވަޑައިގަނަވާ ކަމަށެވެ.

އިބޫ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގެ ދިފާއުގައި މިރޭ އެއްވެތިބިއިރު، މިހާރު އޮތް ފެހި ގާނޫނުއަސާސީއަކީ އެތައް ބަޔެއްގެ މަސައްކަތުން ގެނައި ގާނޫނުއަސާސީއެއް ކަމަށެވެ.

އެގޮތުން، އޭރު ޚާއްސަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް ހޮވުމަށް އުޅުނުއިރު، ބަޔެއް މެމްބަރުން ރައީސް އޮފީސް ކައިރީ މުޒާހަރާ ކުރި ކަމަށާއި، އަދި އޭރުގެ ރައީސް މައުމޫނާވެސް ބައްދަލު ކުރެއްވި ކަމަށް އިބޫ ވިދާޅުވިއެވެ.

އެންމެން ބޭނުންވި ގޮތަށް ފެހި ޤާނޫނުއަސާސީ އެކުލަވާލި ކަމަށާއި، ބޭނުންވީ ރައްޔިތުންގެ ބާރު އޮންނަ ރައްޔިތުންގެ ވެރިކަމެއް ގާއިމް ކުރަން ކަމަށެވެ. މިނިވަންކަމާއި ހައްގުތައް ކަށަވަރުވެ، ރައްޔިތުންނަށް އަނިޔާވެރިނުވާ ސަރުކާރެއް އެކުލަވާލަން ކަމަށެވެ.

ގާނޫނުއަސާސީގައި ރައްޔިތުންނަށް ދީފައިވާ ހުރިހާ ހައްގުތަކަށް މި ސަރުކާރުން އަރައިގެންފައިވާ ކަމަށާއި، މި ސަރުކާރުން އެންމެ ފުރަތަމަ ހަމަލާދިނީ ނޫސްވެރިންނަށް ކަމަށްވެސް އިބޫ ވިދާޅުވިއެވެ. ނަމަވެސް ނޫސްވެރިންގެ ފަހަތަށް ނުޖެހި ކުރި މަސައްކަތުން ނޫސްވެރިކަން ސަލާމަތްވި ކަމަށް ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ އެއްވެސް ހައްގެއް މީހަކު "ހެޔޮހިތުން ތަބަކަކަށް ލާފައި ނުދޭނެ" ކަމަށާއި ހައްގުތައް ޖެހޭނީ ހޯދަން ކަމަށެވެ. ރައްޔިތުން އެއްވެސް ކަމެއްގައި ފަހަތަށް ނުޖެހި ހައްގު ހޯދަން މަސައްކަތް ކުރަންވެސް އިބޫ ގޮވާލެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *