ކުރީގެ ރައީސް މުހައްމަދު އަމީނަށް ހެދި ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހިއްޒުއަށް ހަދަންވީ ކަމަށްބުނެ، އެމްޑީޕީގެ އެކްޓިވިސްޓަކު ދެއްކި ވާހަކައަކާއި ގުޅިގެން، އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު އެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރައްޔިތުންގެ ތަނަވަސް އަޣުލަބިއްޔަތަކުން އިންތިޚާބު ކޮށްފައިވާ ރައީސެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ދައުރު ނިމޭނެ ހާލަތު ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާއިރު، ގާނޫނުއަސާސީގައި ކަނޑައަޅާފައި ވާގޮތާއި ޚިލާފަށް ރައީސް ޑރ. މުއިޒަށް ހަދަން ޖެހޭނީ އަމީނަށް ހެދިގޮތް ކަމަށްބުނެ ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ހިތްވަރުދީ އެމްޑީޕީން އެކިއެކި ޕޯޑިއަމް ތަކުގައި ވާހަކަ ދައްކާފައިވާ ކަމަށެވެ.
"ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި ސީދާ ގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ހިތްވަރު ދިނުމަކީ ކުށްކަމަށް ބަޔާންކޮށްފައި ވާހިނދު އަދި މަނާކ ޮށްދީފައިވާ މަނާ ކުރުމަށް ބަލާއިރުގައި މީހަކު ބުނާ ބުނުމަކުން ނުވަތަ ދޭ ބަޔާނަކުން އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުން ނުވަތަ ރޭވުމަށް ނުވަތަ މަގުފަހި ކުރުމަށް ހިތްވަރުދޭ ކަމެއް ކަަމަށް އާއްމުންނަށް، ނުވަތަ އާއްމުންގެ ބަޔަކަށް ފެންނަ ފެނުންކަން އެނގޭއިރު ރައީސް މުއިއްޒަށް ހަދަން ޖެހޭނީ އަމީނަށް ހެދިގޮތް ކަމަށްބުނެ ޓެރަޒިމްގެ އަމަލެއް ކުރުމަށް ހިތްވަރުދީ އެމްޑީޕީން ޕޯޑިއަމްތަކުގައި ދައްކާފައިވާ ވާހަކަ ތަކަކީ ވަކި ސިޔާސީ ފިކުރެއް ކުރިއަރުވަން އަދި އާއްމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް އަދި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތި ކުރުވުމުގެ މަގުސަދުގައި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދީ ދައްދަކާފައިވާ ވާހަކަ ތަކެއް،" މެންބަރު މުފީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވެފައިވެއެވެ.
އެހެން ކަމުން މެންބަރު ވިދާޅުވީ، އެއީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި ކަނޑައެޅިގެން ބަޔާންކުރާ ކުށުގެ އަމަލެއް ކަމަށްވާތީ މިކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށާއި އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ކަމާބެހޭ އިދާރާ ތަކަށް ގޮވާލާ ކަމަށެވެ.
މި ކުއްލި މައްސަލައަށް ބަހުސް ކުރަން ފާސްކުރީ، ޖަލްސާގައި ތިއްބެވި 54 މެންބަރުންގެ ތެރެއިން 44 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް 8 މެންބަރަކު ވޯޓު ދެއްވިއެވެ.