ޓޫރިސްޓް ވިސާގައި ރާއްޖެ އެތެރެވެ، ވިޔަފާރީގައި ޝާމިލްވެ އުޅުނު ބިދޭސީއެއް ހޯދައި މޯލްޑިވްސް އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
"މާލޭ ޓައިމްސް" އަށް އެނގިފައިވާ ގޮތުގައި އެ ފަތުރުވެރިޔާއަކީ ޗައިނާ ރައްޔިތެކެވެ. އެއީ ވާހަކަ ނުދެކެވޭ އަދި އަޑުއިވުމުން މަހުރޫމްވެފައިވާ މީހެކެވެ. އެއީ ޓޫރިސްޓު ވިސާގައި ރާއްޖެއަށް އެތެރެވި ފަތުރުވެރިއެެކެވެ
އެ މީހާ ރާއްޖޭގައި ވިޔަފާރިކޮށް، އާއްމު ތަންތަނުގައި ނިދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެ ރިޕޯޓް ލިބުމާއެކު އިމިގްރޭޝަންގެ ޓީމުން އެކަން ބަލައި، އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.
އަދި އިމިގްރޭޝަނުން ވަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީއަކުގެ މައުލޫމާތު ލިބޭނަމަ، އިމިގްރޭޝަންގެ ޕޯޓަލް މެދުވެރިކޮށް އެކަން ހިއްސާ ކުރުމަށް އެދިފަ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަ އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އިމިގްރޭޝަނުން އަންނަނީ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އޮޕަރޭޝަން ތަކުގައި 1،300 އަށް ވުރެ ގިނަ ތަންތަން ބަލައި ފާސްކުރިއިރު، ޖުމްލަ 5،012 ބިދޭސީން ފުރުވާލާފައިވާ ކަމަށް އިމިގްރޭޝަނުން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ރާއްޖެއިން ފުރުވާލި ބިދޭސީންގެ ތެރޭގައި ސައްހަ ވިސާ ނެތި އުޅެމުންދިޔަ މީހުންނާއި އެކި ކުށްތަކަށް އަރައިގަންނަމުން ދިޔަ ބިދޭސީން ހިމެނެ އެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ އިތުރުން ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު ބިދޭސީންވެސް ހިމެނެ އެވެ.






