ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރު ކަމަށް އައްޔަން ކުރުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް، ގ. ނޫރަންފިނި/ މަރިޔަމް އިންޝާ ފައިސަލްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް، މެންބަރުކަމަށް އިންޝާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެންއައިސީއަށް އިންޝާ އައްޔަން ކުރަން މަޖލީހުގެ ރުހުން ހޯދަން ފޮނުއްވާފައި ވަނީ، އެ ކޮމިޝަންގެ މެންބަރު އަހުމަދު ޖިހާދުގެ ދައުރު ހަމަވެފައިވާތީއެވެ. އެހެންކަމުން މިހާރު އެ ކޮމިޝަންގައި ތިއްބެވީ، ކޮމިޝަންގެ ރައީސް ގާސިމް އަބްދުލްކަރީމް އާއި ނައިބު ރައީސް އާސިޔަތު ޝިއުނާ އާއި އައިމިނަތު ޝާދިޔާގެ އިތުރުން ޝުއައިބު އަބްދުލްރަހްމާނެވެ.
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުންކުރާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުމާއި އެފަދަ އަމަލެއް ހިންގައިފިކަމަށް ތުހުމަތު ކުރެވިއްޖެނަމަ، ނުވަތަ އެއްވެސް ފަރާތަކުން އެފަދަ އަމަލެއް ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅައިފިނަމަ، އަދި ހުށަނޭޅިނަމަވެސް އަމިއްލައަށް އިސްނަގައިގެންވެސް އެކަމެއް ބަލައި ތަހުގީގު ކުރަން އުފައްދާފައިވާ އިދާރާއެކެވެ.
މީގެ އިތުރުންވެސް ގިނަ މަސްއޫލިއްޔަތުތަކެއް އެ ކޮމިޝަނާ ވަނީ މަތިކޮށްފައެވެ.