މާދަމާއިން ފެށިގެން މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރާނެ: ރައީސް

މާދަމާއިން ފެށިގެން މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރާނެ: ރައީސް

ބޭންކް އޮފް މޯލްޑިވްސްގައި އެކައުންޓް ދޯނިތަކަށް މާދަމާއިން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.

ކ. އަތޮޅަށް މިހާރު ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ގާފަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދަށް މަސްވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް މުހިންމު ކަމަށެވެ. އަދި މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ އެ މަނިކުފާނުގެ ވައުދެއް ކަމަށާއި، އެހެންވެ އެ ވައުދު ފުއްދުމަށް ގޮންޖެހުންތަކެއް ދިމާވި ނަމަވެސް މިހާރު ވަނީ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެވޭނެ އިންތިޒާމު ހަމަޖައްސާފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްވެރިންނަށް ނުދީހުރި ފައިސާ ކަމަށްވާ 38 މިލިއަން ރުފިޔާ މިއަދު މިފްކޯއިން ދީފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ، ފިނޭންސް މިނިސްޓްރީއާއި މިފްކޯއާއި ބޭންކް އޮފް މޯލްޑިވްސްއާއެކު އެގްރީމެންޓެއްގައި އިއްޔެ ސޮއިކޮށް ރަނގަޅު އިންތިޒާމު ތަކެއް މިހާރު ސަރުކާރުން ހަމަޖައްސައި ދީފައިވާ ކަމަށެވެ.

އެހެންކަމުން ބީއެމްއެލްގަ އެކައުންޓެއް އޮވެއްޖެނަމަ ކޮންމެ މަސް ދޯންޏަކަށް އެ ދޯންޏަކުން މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާ ކުރެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *