2025 ވަނަ އަހަރުގެ ބަޖެޓާއެކު، އަންނަ މަހުން ފެށިގެން ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިނގައިގަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އއ. ތޮއްޑޫއަށް ވަޑައިގެން މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ތަރައްގީގެ ހުރިހާ މަޝްރޫއު ތަކެއްވެސް ވަކި ތަރުތީބަކުން ގޮސް ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކުރިއަށް އޮތް ދެ އަހަރު ގެންދާނެ ކަމަށެވެ. ރައީސް ވިދާޅުވީ، މިހިނގާ 2024 ވަނަ އަހަރު ތަރައްގީގެ މަޝްރޫއުތައް ނުހިނގައި އޮތީ ކުރިން އޮތް މަޖިލީހުން ބަޖެޓް ފާސްކޮށްފައި އޮތްގޮތުން ކަމަށެވެ.
"މި ދެ އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ބަހައިލެވިގެން ތަރުތީބެއްގެ ތެރެއިން އަޅުގަނޑުވެފައި ހުރި ހުރިހާ ވައުދެއް، އެއީ ބަނދަރު، މަގު، ބިން ހިއްކުން، ސްކޫލު، ހޮސްޕިޓަލް، ކިޔާނެ ކަމެއް ނެތް ކުޅިވަރާ ބެހޭ ކަންކަން ތަރުތީބެއްގެ ތެރެއިން އަމަލީ ގޮތުން މަސައްކަތްތައް ފަށައި އަދި އެކި މަޝްރޫއުތައް ނިމެމުންވެސް ދާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކުރިއަށް އޮތް 2025 ވަނަ އަހަރާއި 2026 ވަނަ އަހަރުގެ ތެރޭގައި ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވަން ފައްޓަވާނެ ކަމަށެވެ.
އާ އަހަރުގެ ބަޖެޓާއެކު ރާއްޖޭގެ އެކިކަންކޮޅު ތަކުގައި މަޝްރޫއުތައް ހިނގައިގަންނަން ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއިރު، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.