ވެރިކަން ވެއްޓުމާއެކު ބައްޝާރު ގައުމު ދޫކޮށް ފިއްލަވައިފި

ވެރިކަން ވެއްޓުމާއެކު ބައްޝާރު ގައުމު ދޫކޮށް ފިއްލަވައިފި

24 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވި، ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން މިއަދު ވެއްޓުމާއެކު ގައުމު ދޫކޮށް ފިއްލަވައިފިއެވެ.

ބައްޝާރާއެކު، އޭނާގެ އާއިލާވެސް ވަނީ ގައުމު ދޫކޮށް ފިލާފައެވެ. ހަނގުރާމަވެރިން ބުނެފައި ވަނީ ބައްޝާރާއި އޭނާގެ އާއިލާ ސީރިއާ ދޫކުރައްވައި ފުރީ މަތިންދާ ބޯޓެއްގައި ކަމަށެވެ. ނަމަވެސް ވަޑައިގެންނެވި ގައުމެއް ހަނގުރާމަވެރިންނަށް އެނގިފައި ނެތް ކަމަށް ބުންޏެވެ.

ބަޔެއް ފަރާތްތަކުން ބުނެފައި ވަނީ ބައްޝާރު ވަޑައިގަންނަވާނީ، އީރާން، ރަޝިޔާ ނުވަތަ ޔޫއޭއީއަށް ކަމަށެވެ. އެ ތިން ގައުމު ކަމަށް ގިނަބަޔަކު ދެކެނީ، ބައްޝާރުގެ ވެރިކަން ދެމެހެއްޓުމަށް އެ ތިން ގައުމުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބުނެއެވެ. ނަމަވެސް ވަޑައިގެންނެވި ސީދާ ގައުމެއް ސާފެއް ނުވެއެވެ. ބައްޝާރަށް ޙިމާޔަތް ދިންކަމެއް އަދި އެއްވެސް ގައުމަކުން ނުބުނެއެވެ.

ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ސީރިއާ ގޮސް، ބައްޝާރުގެ ވެރިކަން ވެއްޓުމާއެކު މިވަގުތު ސީރިއާގެ ކޮންޓްރޯލް އޮތީ ހަނގުރާމަވެރިންގެ އަތުގައެވެ. ނަމަވެސް، ހަނގުރާމަވެރިންގެ އިސް ލީޑަރުން އަންގާފައި ވަނީ ސީރިއާގެ ސަރުކާރުގެ އެއްވެސް އޮފީހެއްގެ ތެރެއަށް ހަނގުރާމަވެރިން ނުވަނުމަށެވެ. އަދި ވެރިކަމުގެ ކަންކަން ވަކިގޮތަކަށް ހަމަޖެހިގެން ދަންދެން ބޮޑުވަޒީރު މުޙަންމަދު އަލް ޖަލާލީގެ ބެލުމުގެ ދަށުގައި ވެރިކަމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

ހަނގުރާމަވެރިން ރޭ ފަތިހު ބައްޝާރުގެ ވެރިކަން ވައްޓާލައި، ދައުލަތުގެ ބަޔެއް އިދާރާތައް ކޮންޓްރޯލް ކޮށްފައި ވަނީ އެއްވެސް ހަތިޔާރެއްވެސް ބޭނުން ނުކޮށެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *