މާލޭ އާޓިފިޝަލް ބީޗުގައި ބިދޭސީންގެ ދެ ގުރޫޕެއް ދެމެދުގައި މާރާމާރީއެއް ހިނގައި ކުޑަކުއްޖަކަށް އަނިޔާ ވެއްޖެއެވެ.
ާއެނގިފައިވާ ގޮތުގައި ކޮންމެ ހުކުރަކާއި ދިމާކޮށް މި މާރާމާރީ ހިނގާތާ މިވީ ތިންވަނަ ހަފްތާއެވެ.
މިއަދުގެ އިރުއޮއްސުނު ވަގުތު ހިނގި މާރާމާރީ އާއި ގުޅޭ ވީޑިއޯ، މީސް މީޑިއާގައި ދައުރުވަމުންދާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި، ބިދޭސީން އެކެއް އަނެކެއް ގައިގައި ތަޅަމުންދިޔައިރު، އަދި ތަޅަން މަސައްކަތް ކުރަމުންދިޔައިރު، އެމީހުން ހުއްޓުވުމަށްވެސް ބަޔަކު ދިޔައީ ހަރަކާތްތެރިވަމުންނެވެ. އަދި އެތަނުން ބައެއް ބިދޭސީން ގޮވައިގެން އެ ސަރަހައްދުން ދާމަންޒަރުވެސް ފެންނައިރު، މާރާމާރީ ހިނގިއިރު އެތަނުގައި ކުޑަކުދިންނާއި ބިދޭސީ އަންހެނުންވެސް ތިއްބެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި މާރާމާރީ ހިންގަނީ އިންޑިޔާއަށް ނިސްބަތްވާ ބިދޭސީން ތަކެކެވެ.
އެ މާރާމާރީއާ ގުޅިގެން ފުލުހުން ބުނީ، މިއަދު 18:22 ހާއިރު އާޓިފިޝަލް ބީޗު ސަރަހައްދުގައި ބަޔަކު މާރާމަރީ ހިންގި މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި މިހާތަނަށް މިކަމުގައި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި މާރާމާރީއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.






