މިއަހަރުގެ މިހާތަނަށް ވަނީ 6 މީހަކަށް އެއިޑްސް ޖެހިފައި: އެޗްޕީއޭ

މިއަހަރުގެ މިހާތަނަށް ވަނީ 6 މީހަކަށް އެއިޑްސް ޖެހިފައި: އެޗްޕީއޭ

މިއަހަރުގެ މިހާތަނަށް ހަ މީހަކު އެއިޑްސް ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފި އެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ އެއިޑްސް ދުވަހާއި ދިމާކޮށް އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއިން މިއަހަރުގެ އޮކްޓޫބަރު މަހުގެ 31 ގެ ނިޔަލަށް ރާއްޖޭގެ 49 މީހަކަށް އެއިޑްސް ޖެހިފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 7 އަންހެނުންނާއި 43 ފިރިހެނުންކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އެއިޑްސްއަށް ފަރުވާ ހޯދަމުން އަންނަ މީހންގެ ތެރެއިން 6 މީހަކަށް އެ ބަލި ޖެހިފައިވަނީ މިއަހަރުގެ ތެރޭގައިކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މިދުޔަ އަހަރުވެސް ރާއްޖެއިން 3 މީހަކަށް އެ ބަލި ޖެހިފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 16 މީހަކު މިހާތަނަށް މަރުވެފައިވާކަމަށާއި 32 މީހަކު މުވަގުތުވެ ފަރުވާ ހޯދަމުން އަންނަކަމަށްވެސް އެޗެޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެކުއައިޑް އިމިއުނޯޑެފިޝެންސީ ސިންޑްރޯމް (އެއިޑްސް) ޖައްސާ ހިއުމަން އިމިއުނޯޑެފިޝެންސީ ވައިރަސް (އެޗްއައިވީ)  ބަލީގެ މީހަކު ރާއްޖެއިން ފުރަތަމ ފެނުނީ 1991 އަހަރުއެވެ.

އެޗްއައިވީ ބަލި ފެތުރޭ ގޮތްތައް

  • ރައްކާތެރި ނޫންގޮތުގައި ޖިންސީ ގުޅުން ހިންގުން
  • ސިރިންޖު ނުވަތަ ކަށި ބޭނުންކޮށްގެން މަސްތުވާތަކެތި ބޭނުންކުރާއިރު، އެކަކު ބޭނުންކޮށްފައި ހުންނަ ކަށި ފަދަ ތަކެތި އަނެކަކު ބޭނުންކުރުން
  • އެޗްއައިވީ ޖެހިފައިވާ މަންމަގެ ފަރާތުން، މާބަނޑު ދުވަސްވަރާއި ވިހެއުމުގެ ތެރޭގައި ނުވަތަ ގާތުން ކިރުދިނުމުން ދަރިފުޅަށް ފެތުރުމުގެ ފުރުސަތު އޮވޭ
  • އެޗްއައިވީ ވައިރަސް ހުރި ލޭ އެޅުން

އެޗްއައިވީއަށް ދޭ ފަރުވާއަކީ އެންޓިރެޓްރޯ ވައިރަލް ޓްރީޓްމަންޓެވެ. 2004 ވަަނަ އަހަރުން ފެށިގެން ރާއްޖޭގައި ވެސް މިފަރުވާ ދެމުން އަންނަކަމަށާއި މިއީ މުޅިން ހިލޭ ފޯރުކޮށްދޭ ފަރުވާއެއްކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެޗްއައިވީއިން ރައްކާތެރިވުމުގެ ގޮތުން ދޭ ފަރުވާ ޕްރީ އެކްސްޕޯޝާ ޕްރޮފިލެކްސިސް (ޕްރެޕް) ވެސް ރާއްޖޭގައި ލިބެން ހުންނަކަންވެސް އެޗްޕީއޭއިން ފާހަގަކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *