ސިހުރު ހަދައި މީހުން ބަލި ކުރަމުންދާތީ ފުލުހުން ކެލާގެ ގެތަށް ބަލައިފާސްކޮށް ސިހުރުވެރިންތަކެއް ހައްޔަރުކޮށްފި

ސިހުރު ހަދައި މީހުން ބަލި ކުރަމުންދާތީ ފުލުހުން ކެލާގެ ގެތަށް ބަލައިފާސްކޮށް ސިހުރުވެރިންތަކެއް ހައްޔަރުކޮށްފި

ސިހުރުގެ ސަބަބުން ހއ. ކެލާގައި މީހުން  ބަލިވިކަމަށް ތުހުމަތުވާ މައްސަލައަކާ ގުޅިގެން ފުލުހުން އެ ރަށަށް އަރައި ސިހުރުވެރިންތަކެއް ހައްޔަރުކޮށްފި އެވެ.
ކެލާއިން "މާލޭ ޓައިމްސް" އަށް މައުލޫމާތު ދިން މީހަކު ބުނީ އެ ރަށުގެ ހުރިހާ ގެތަކެއްހެން ފުލުހުން ބަލައިފާސްކޮށްފައިވާ ކަމަށެވެ. އެ ރަށަށް އަރައިފައިވަނީ އެއަތޮޅު ދިއްދޫގައި މަސައްކަތްކުރާ ފުލުހުން ކަމަށް އޭނާ ބުންޏެވެ.
ދިއްދޫގައި ތިބި ގިނަ އަދަދެއްގެ ފުލުހުން ކެލަޔަށް އެެރީ މިއަދުގެ ވަގުތެއްގައެވެ. އަދި އެރަށުގެ ގިނަ ގެތަކެއް ވަނީ ބަލާ ފާސްކޮށްފަ އެވެ. އެގޮތުން އެރަށުގެ ގާތްގަނޑަކަށް ފަންސާހަކަށް ގެއަށް ފުލުހުން ވަދެ ވަނީ ބަލާ ފާސްކޮށްފައެވެ. 

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ ފުލުހުން އެ ހުރިހާ ގެއަކަށް ވަދެފައިވަނީ ގާތްގަނޑަކަށް އެއް ވަގުތެއްގައިކަމަށެވެ. އަދި އެ ގެތަކުން އެކި ފާޑުފާޑުގެ ފޮތްތައް ގެންދިޔަކަމަށެވެ.

އޭނާ ބުނީ އެރަށުގައި ސިހުރުގެ އުނދަގޫ އެންމެ ބޮޑުވަނީ ސްކޫލްގެ ބޮޑެތި އިމްތިހާނުތައް އޮންނަ ދުވަސްވަރާއި ދިމާކޮށްކަމަށެވެ. އެ ފަދަ ދުވަސްވަރު ދަރިވަރުން އާދަޔާ ހިލާފަށް ބަލިވުމުގެ ކަންކަން ދިމާވަމުން އަންނަކަމަށް އެރަށުން ވާހަކަ ދެއްކި މީހާ ބުނެ އެވެ. އަދި އެކަން އޭގެ ފަހަށް ދެމިގެންދާކަމަށް ވެސް އޭނާ ބުންޏެވެ.

މި ފަހަރު ފުލުހުން އެރަށް އެރީ ވެސް މީގެ ދެ ދުވަހެއްވަރު ކުރިން މީހުން އާދަޔާ ހިލާފަށް ބަލިވާތީ އެކަމުގެ ޝަކުވާތައް ބޮޑުވެފައިވަނިކޮށް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *