ދުނިޔޭގެ ހުރިހާ ގައުމެއްގެ ސިޔާސީ ބާރު ބޭނުންކޮގެން އިޒްރޭލު ހުއްޓުވަންޖެހޭ: ރައީސް

ދުނިޔޭގެ ހުރިހާ ގައުމެއްގެ ސިޔާސީ ބާރު ބޭނުންކޮގެން އިޒްރޭލު ހުއްޓުވަންޖެހޭ: ރައީސް

އިޒްރޭލުން، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް ދުނިޔޭގެ ހުރިހާ ގައުމެއްގެ އިގްތިސޯދީ އަދި ސިޔާސީ ބާރު ބޭނުންކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތާ ގުޅުވައި "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.

ފަލަސްތީނުން މިނިވަންކަން ހޯދުމަށް ކުރަމުންދާ ބުރަ މަސައްކަތަކީ ރާއްޖެއަށް ވެސް ލިބޭ ބުރައެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ދޭ އެއްބާރުލުމަކީ، މި ގައުމުގެ އެންމެހާ ރައްޔިތުންގެ ނަމުގައި ދޭ އެއްބާރުލުމެއް ކަމަށެވެ.

އިޒްރޭލަށް ހަތިޔާރު ވިއްކުން މި ހިނދުން މި ހިނދަށް ހުއްޓާލުމަށާއި ހަނގުރާމައިގެ ޖަރީމާތަކުގައި ޒިންމާވާން ޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް، ބައިނަލްއަގުވާމީ މުޖުތަމައު އެއްބައިވުމަށް ރައީސް ގޮވާލެއްވި އެވެ.

"އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކާއި ޖަރީމާތައް ހިންގުމުގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވަން ބައިނަލްއަގުވާމީ މުޖުތަމައު އެއްބައިވެ، ގައުމުތަކުގެ ސިޔާސީ އަދި އިގުތިސޯދީ ބާރުގެ ބޭނުން ކުރުމަށް އަޅުގަނޑު ގޮވާލަން،" ރައީސް ވިދާޅުވި އެވެ.

ފަލަސްތީނުގެ ރައްޔިތުން ބަރުދާސްތު ކުރަމުންދާ ބޭއިންސާފާއި އަނިޔާވެރިކަމާ އަދި ދިރިއުޅެމުން ގެންދާ ހިތްދަތިކަމުގެ ހަނދާންތައް އާކޮށްދޭ ކޮންމެ ދުވަހަކީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ދެމިތިބުމުގެ އަޒުމް އާކޮށްދޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި އެ އަޒުމް ވަރުގަދަ ވެގެންދާ ކަމަށާއި، އެ ރައްޔިތުންނާ މެދު ބޭއިންސާފުން ހިންގާ ކަންކަމަކީ ތާރީހުގައި ޖެހިފައިވާ ލައްގަނޑެއް ކަމަށް ސިފަކުރެއްވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *