މިއަންނަ އަހަރަށް ލަފާކުރާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

މިއަންނަ އަހަރަށް ލަފާކުރާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަދަލު ގެނައުމެއްނެތި ހުށަހެޅުނު ގޮތަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓް ފާސްކޮށްފައިވަނީ، 70 މެންބަރުންގެ ވޯޓާ އެކުގައެވެ. ބަޖެޓް ފާސްކުރުމާ ދެކޮޅަށް ވޯޓް ދެއްވީ އެމްޑީޕީގެ 11 މެންބަރުންނެވެ.

މިއަހަރަށް ލަފާކުރި ބަޖެޓްގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަންނަ އަހަރުގެ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ 39.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށްވަނީ އަންދާޒާކޮށްފައެވެ. އެއީ، ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ހިމަނައިގެންނެވެ.

ދަރަނި އަނބުރާ ދައްކަން އަންނަ އަހަރުގެ ބަޖެޓުގައި 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓުގައި، ބޯހިޔާވަހިކަމުގެ އައު މަޝްރޫޢު ތަކަށް 1.8 ބިލިއަން ރުފިޔާ ހިމަނައި، ޖުމުލަ 3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ގެދޮރުވެރިކަމުގެ މަޝްރޫއު ތަކަށް ވަނީ ހިމަނާފައެވެ.

މި ބަޖެޓަށް ބަހުސް ކުރައްވަމުން ސަރުކާރަށް ތާއީދު ކުރާ މެންބަރުން ވަނީ ބަޖެޓްގެ ދިފާއުގައި ވާހަކަ ދައްކަވައި ބަޖެޓްގެ ފުރިހަމަ ކަމަށް ތައުރީފް ކުރައްވާފައެވެ. އެގޮތުން އެ ބަޖެޓުގައި ގެދޮރުވެރިކަމަށް ޚާއްސަ އިސްކަމެއް ދީފައިވާކަން ފާހަގަކުރެއްވިއެވެ.

އެހެން ނަމަވެސް، އެ ބަޖެޓްގައި ދާއިރާ ތަކަށް ހުރި ކަންކަމުގެ ތަފްސީލް އެނގެން ނެތުމުން އިދިކޮޅު މެންބަރުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، އެކަމުގެ ސަބަބުން ސަރުކާރު ޒިންމާދާރު ކުރުވަންވެސް ދަތިވާނެ ކަމަށް އެ މެންބަރުން ވިދާޅުވެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *