ޝާހިދު އުކުޅަހަށް ވަޑައިގެން ޕާޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފި

ޝާހިދު އުކުޅަހަށް ވަޑައިގެން ޕާޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފި

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އއ. އުކުޅަހަށް ވަޑައިގެން އެ ރަށުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައިފި އެވެ.

ޝާހިދުއާއެކު އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަހުމަދު އަބްދުﷲ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް އަދި މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރުގެ އިތުރުން އެމްޑީޕގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވަޑައިގަންނަވާނެ އެވެ.

އުކުޅަހަށް ޝާހިދު ވަޑައިގެންނެވީ މިއަދުގެ ވަގުތެއްގަ އެވެ. އެ ރަށަށް ވަޑައިގެން ޝާހިދު ވަނީ އެ ރަށުގައި ތިބި އެމްޑީޕީގެ މެންބަރުންގެ އިތުރުން ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މި ސަރުކާރުގެ އިިގްތިސޯދީ ސިޔާސަތުގެ ސަބަބުން އުކުޅަހުގެ ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް ސާފުކޮށްދެއްވައިފަ އެވެ.

ޝާހިދު ވިދާޅުވީ އުކުޅަހަކީ އުކުޅަހަކީ އެމްޑީޕީން ތައާރަފުކުރި ލޯކަލް ޓޫރިޒަމުން އާމްދަނީ ހޯދައި، ދައުލަތުގެ ހަޒާނާއަށް އެސިނާއަތުން ލިބޭ ފައިސާ ވައްދާ ރަށެއް ކަމަށެވެ. ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާއެކު، މުޅި ސިނާއަތު ހަލާކުވެ، އިގްތިސާދު އިތުރު އަނދަވަޅަކަށް ވެއްޓިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އެ އިތުރުކުރެއްވި ޓެކްސްތައް ބޮޑުކުރެއްވި ޓެކްސްތައް ބަހާލީމާ ކޮޓަރި ކުއްޔަށްވުރެ އެބަ ބޮޑުވޭ ޓެކްސް" ޝާހިދު ވިދާޅުވި އެވެ.

ސަރުކާރުގެ ތެރެއިގައި ހިސާބު ޖައްސަވަން އިނގޭނެ ކޮންމެވެސް އެކަކު ހުންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ސަރުކާރުގެ ބުރަދަނެއް ނެތް ސިޔާސަތަކުގެ ސަބަބުން މާޔޫސް ނުވުމަށާއި މި ސަރުކާރުން ބަލިކޮށް އުފާވެރި ދިރިއުޅެއް ރައްޔިތުންނަށް ހޯދައިދެއްވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *