ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރެވޭނީ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދޫކުރާ ވިޔަފާރިކުރުމުގެ ހުއްދައިގެ އިތުރުން މިނިސްޓްރީން ދޫކުރާ ލައިސެންސް އޮވެގެން ކަމަށް ހެލްތު ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
މި މަހުގެ 15ގައި ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި އެއްވަނަ އިސްލާހަށް ވަނީ އަމަލުކުރަން ފަށާފައެވެ. އެގޮތުން މިހާރު ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާވާނެއެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ ދުންފަތުގެ ވިޔަފާރި ރާއްޖޭގައި ކުރާ މީހުންނަށް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދޫކުރާ ވިޔަފާރިކުރުމުގެ ހުއްދައިގެ އިތުރުން މިނިސްޓްރީން ދޫކުރާ ސައްހަ ލައިސެންސެއް އޮންނަންވާނެ ކަމަށެވެ.
އަދި އެ ހުއްދަތައް ހޯދުމަށް ލާޒިމްވާނީ އެ ގާނޫނުގައި ބަޔާންކުރާ ފަދައިން އެ ހުއްދަތައް ދިނުމުގެ އުސޫލާއި އިޖުރާއަތުތައް ކަނޑައަޅާ ބަޔާންކުރާ ގަވާއިދު އާންމުކުރުމުން އެ ގަވާއިދުގައި ކަނޑައަޅާ މުއްދަތެއްގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ޚިލާފަށް އެއްވެސް ފަރާތަކުން ދުންފަތް ނުވަތަ ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެއަށް އެތެރެކުރުމާއި، ބޭރުކުރުމާއި، ބެހުމާއި، ވިއްކުން މަނާވާނެއެވެ.