އިއްްޔެ އޮތް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅައި، ފާސްވެ، އަދި މިއަދު ރައީސް ތަސްދީގު ކުރެއްވި ޤާނޫނުގެ އަސާސީއަށް އިސްލާޙު ގެނައި ބިލުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ހަމަޖެހުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ވިދާޅުވެއްޖެެއެވެ.
ބިލު މިއަދު ތަސްދީގު ކުރެއްވުމަށްފަހު، ރައީސް އޮފީހުން އާންމުކުރި ވީޑިޔޯ މެސެޖެއްގައި ރައީސް ވިދާޅުވީ، ޤާނޫނު އަސާސީއަށް ގެނައި އިސްލާޙުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބަދަލެއް ގެންނަ ނަމަ، ރައްޔިތުންގެ މަޖިލިހުން ފާސްކުރަން ޖެހެނީ ތިންބައި ކުޅަ ދެބައިގެ އަޣުލަބިއްޔަތުން ކަމަށް ވިޔަސް މިހާރު އެކަންވެސް ކުރިއަށްވުރެ ވަރުގަދަ ވެގެންގޮސްފައިވާ ކަމަށެވެ. އެއީ އެފަދަ ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިިލިހުގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ކަމަށް ބަދަލުކުރުން ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ސަރަހައްދު ކުރިން އޮންނަނީ ރާއްޖޭގެ ބޭރު ކަނޑާ ހަމައަށް ކަމަށެވެ.
"އެކަމަކު ގާނޫނުއަސާސީ އަށް މިއަދު މި ގެނައި ބަދަލަކީ ބޭރު ކަނޑުން ބޭރަށް ހާއްސަ އިގުތިސާދީ ސަރަހައްދު، އީއީޒެޑްގެ ބައުންޑަރީ. އެހެންވީމާ އީއީޒެޑްވެސް ހިމެނޭ ގޮތަށް ރާއްޖޭގެ ސަރަހައްދު މި ކަނޑައެޅީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ސަރަަހައްދަށް ބަދަލު ގެންނަ ނަމަ، ރައްޔިތުންގެ މަޖިލިހުގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސް ވިޔަސް، މިހާރު އައި ބަދަލާއެކު އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށެވެ.
މީގެއިތުރުން ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމާ ގުޅޭ ގޮތުން ގާނޫނުއަސާސީ އަށް ގެނައި އިސްލާހަކީ މުހިންމު އިސްލާހެއް ކަމަށާއި، މީގެކުރިން އޮތްގޮތުން އެފަދަ ކަމެއްގައި ރައްޔިތުންގެ މަޖިލިހުން ފާސްކުރަން ޖެހެނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ހަދާ ނަމަ އެކަނި ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް، ތަމްރީނު ތަކުގެ ބޭނުމަށް ފިޔަވައި އެހެން އެއްވެސް ކަމެއްގައި ބޭރުގެ ސިފައިންނަށް ދެން ރާއްޖޭގައި އުޅެވޭނީ ރައްޔިތުންގެ މަޖިލިހުން ފާސްކޮށްގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ރިފަރެންޑަމަށް ދާން މިހާރު އޮންނަ މާއްދާއަށް ރައްޔިތުންގެ މަޖިލިހުން ކުރިން ބަދަލު ގެނެވޭ ގޮތަށް އޮތަސް، ކަނޑައަޅާފައި ވިޔަސް އެ މަނިކުފާނު ވިދާޅުވީ، އިއްޔެ ގެނައި އިސްލާޙާއެކު އެ ދޮރު ބަންދުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޤާނޫނުއަސާސީއަށް އިއްޔެ ދެން ގެނައި ބަދަލު ކަމަށްވާ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީން ކަނޑާލުމުން މަޖިލީހުގެ ގޮނޑި ގެއްލޭގޮތަށް ގެނައި އިސްލާޙަކީ ގައުމުގެ ހަމަޖެހުމަށް ފާސްވެގެން ދިޔަ މުހިންމު އިސްލާޙެއް ކަމަށެވެ.
ޤާނޫނު އަސާސީއަށް އިއްޔެ މަޖިލީހުން ގެނައި އިސްލާޙު ތަކަކީ މެމްބަރުން ގައުމީ ޖޯޝްގައި ގެނައި އިސްލާޙު ތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
"އެހެންވީމާ އެކަމަށްޓަކައި ރައްޔިތުންގެ މަޖިލިހުގެ އިއްޒަތްތެރި މެމްބަރުންނަށް ޝުކުރު ދަންނަވާ ހާލަތު ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް މަރުހަބާ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.