ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑއިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، ތައިލެންޑާއި ޔޫއޭއީގެ ދުބާއިން އާސަންދައިން ބޭސްފަރުވާ ކުރެވޭނެ ދުވަހެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަކާ ބެހޭގޮތުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ އިސްބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށްގެން މިއަދު ބޭއްވި ބައްދަލުވުމުގައި، ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ދުބާއީއާއި ތައިލެންޑުން އާސަންދައިގެ ހިދުމަތް ލިބޭނެ ދުވަހަކާ ބެހޭ ގޮތުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ، ދުބާއީއާއި ތައިލެންޑުން އާސަންދަ ލިބޭނެ ކަމަށް ރައީސް ވެވަޑއިގެންފައިވާ ވައުދުފުޅާ އެއްގޮތަށް އެކަން ކުރެވޭނެ ކަމަށެެވެ.
އެކަމަށްޓަކައި އޫއޭއީ އާއި ތައިލެންޑުގެ ބައެއް ހޮސްޕިޓަލްތަކާއެކު މަސައްކަތްކުރެވި އެކަމާއިގެން ކުރިއަށްދެވޭ ހިސާބަށް ވާސިލްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން އެ ހިދުމަތް ލިބޭނެ ދުވަހަކާއި އެކަމާބެހޭ އިތުރު ތަފްސީލް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ، ސަރުކާރުން މިހާރު ކުރިއަށްގެންދަނީ ސިއްހީ ހިދުމަތުގެ ދާއިރާއިން އެކި ފަރާތްތަަކަށް ދޭންޖެހިފައހުރި ފައިސާ ދިނުމުގެ މަސައްކަތް ކަމަށެވެ.
އެގޮތުން އާސަންދައިގެ ބިލްތަކަށް އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ސިސްޓަމްގެ ތެެރެއިން ދައްކަމުންގެންދާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު މި އަހަރުގެ ހުސްވި ޖެނުއަރީމަހުގެ ތެރޭގައި ވިދާޅުވެފައިވަނީ ވަކި ދިމާއެއްގައި އޮންނަ ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ލިބޭ ހިދުމަތެއްގެ ގޮތުގައި އާސަންސައިގެ ހިދުމަތް އޮތުމަށް ބޭނުންފުޅު ނުވާ ކަމަށެވެ. އެހެންކަމުން ފެންވަރު ރަނގަޅު ގައުމުތަކަށް އާސަންދައިގެ ހިދުމަތް ފުޅާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ރައީސްގެ ވާހަކަފުޅުގައި އޭރު ވިދާޅުވީ ތައިލެންޑާއި ޔޫއޭއީއިން އެ ހިދުމަތް ލިބޭނެ ގޮތް ހައްދަވާނެ ކަމަށެވެ.