މިއަންނަ އަހަރުގެ ރޯދަމަހު ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް މިފްކޯއަށް އަންގައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަ ކުރުމަށް ސޯޝަލް ސެންޓަރުގައި ކުރިއަށްދާ ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިދިޔަ ރަމަޟާން މަހު ރާއްޖޭގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ދިނީ ކާޑުގެ ބާވަތްތައް ކަމަށެވެ.
ނަމަވެސް މިއަންނަ އަހަރުގެ ރޯދަމަހުގައި ހަދިޔާގެ ގޮތުގައި ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ދިނުމަށް ނިންމައިފައިވާ ކަމަށެވެ.
މިދިޔަ ރޯދަ މަހު ސަރުކާރުން ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ދިނީ 10 ކިލޯ ފުށާއި 10 ކިލޯ ހަނޑުލެވެ. ކާޑުގެ ބާވަތްތައް ދޫކުރީ ޑޮމެސްޓިކް ކަރަންޓް މީޓަރުގެ ނަންބަރަށް ބެލުމަށްފަހު ބަލާ އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑްނަންބަރު ނޯޓުކުރުމަށްފަހުއެވެ.
މިދިޔަ ރޯދަ މަހު ކޮންމެ ގެއަކަށް ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ އަދި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާކުރައްވާނެ ކަމަށް ރައީސް އިއުލާނުކުރެއްވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.