ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައި، ރައީސްކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުޙަންމަދު މުއިއްޒަށް ތާއީދު ކުރެއްވުނީތީ މިހާރު ހިތާމަކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި މިއަދު ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، ރައީސް މުއިއްޒަށް ތާއީދު ކުރެއްވުނީތީ މިހާރު "އިންތިހާއަށް ހިތާމަކުރަން" ކަމަށެވެ. ޔާމީން ވިދާޅުވީ ރައީސް މުއިއްޒަކީ ޕީޕީއެމްގެ "މުޑުވަކެއް" ކަމަށާއި، ނަމަވެސް ވެރިކަން ލިބިވަޑައިގެންނެވި ފަހުން ކަންކަން ކުރައްވަމުން ގެންދަވަނީ "ޣައިރު ޒިންމާދާރު" ކޮށްކަމަށެވެ.
ޔާމީން ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އެންމެ ބޮޑަށް ވައުދުވެވަޑައިގެންނެވި ކަމަކީ އިންޑިޔާ މިލިޓަރީ ރާއްޖެއިން ބޭރު ކުރުން ކަމަށެވެ. ނަމަވެސް އެކަމަށް އެއްވެސް ބަދަލެއް އަދިވެސް ނާންނަ ކަމަށް ޔާމީން ވިދާޅުވިއެވެ. ފޯޅަވައްސާއި ރާއްޖޭގެ އިން ވަކިކުރުމުގައި ރާއްޖެއަށް ގެއްލުނު ކަނޑު ހޯދުމާއި ފޯޅަވަހި ރާއްޖެއަށް ހޯދުމުގެ ވައުދުވެސް ކުރިޔަށް ނުދާކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ވެރިކަން ލިބިވަޑައިގެންފިނަމަ، އިންޑިޔާ މިލިޓަރީ ރާއްޖެއިން ބޭރު ކުރައްވާނެ ކަމަށާއި، އަދި ގެއްލުނު ކަނޑު އަނބުރައި ހޯދައިދީ، ފޯޅަވަހިވެސް ރާއްޖެއަށް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
One Response
އަހަރެން ވަގު ޔާމީން އަށް ތާއިދު ކުރެވުނީތީ ވެސް ހިތާމަ ކުރަން