ރާއްޖޭގައި ކުރިން އުފެދުނު އެންމެ މަޝްހޫރު އަދި އެންމެ މުއްސަނދި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ މުހައްމަދު ޔޫސުފް (ކުވާ މޮހޮދޭ) މިއަދު ނިޔާވެއްޖެ އެވެ.
އުމުރުން 75 އަހަރުގައި ކުވާ މޮހޮދޭ ނިޔާވީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ކުވާ މޮހޮދޭގެ މޫނު ދެއްކުމާއި ކަށުނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހުއެވެ.
ކުވާ މޮހޮދޭއަކީ، މިހާރު ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މާނިއު ޔޫސުފް އަދި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. އިބްރާހިމް ޝާފިއުގެވެސް ބައްޕައެވެ.
ކުވާ މޮހޮދޭއަކީ 1970 ގެ އަހަރުތަކުގައި ރާއްޖޭގައި ހުންނެވި އެންމެ މުއްސަނދި އެއް ވިޔަފާރިވެރިޔާއެވެ. އޭރު ރާއްޖޭގައި އޭނާ ގެންދެވީ ފުޅާދާއިރާއެއްގައި ޝިޕިންގގެ ވިޔަފާރި ކުރައްވަމުންނެވެ. ނަމަވެސް 1980 ގެ އަހަރު ތަކުގައި ސިޔާސީ މައްސަލަތަކެއްގައި ކުވާ މޮހޮދޭ ވަނީ ޖަލުގައި ބަންދު ކޮށްފައެވެ. އެފަހުން ކުވާ މޮހޮދޭގެ ވިޔަފާރިތައްވެސް ވަނީ ދަށަށްގޮސްފައެވެ.
ކުވާ މޮހޮދޭ ފާހަގަ ކުރެވިފައި ވަނީ ދީލަތި ވިޔަފާރިވެރިއެއްގެ ގޮތުގައެވެ. އެގޮތުން އޭނާ ވަނީ މުޅި ރާއްޖޭގައި ކޮލެރާ ފެތުރުނު ދުވަސްވަރު ރާއްޖެ އިން ބޭރުން އަމިއްލަ ޚަރަދުގައި ޑޮކްޓަރުންނާއި ބޭސްވެސް ގެނެސްދީ، ދިވެހިންނަށް އެ ޚިދުމަތް ދެވޭނެ މަގު ފަހިކޮށް ދެއްވާފައެވެ.