މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ފުުލުހުންގެ ޚިދުމަތް ޒަމާނާ އެއްގޮތަށް ތަރައްގީ ކުރެވޭނީ އިލްމީ ޒުވާނުންނަށް އެ ހިދުމަތްތަކުން ފުރުސަތު ދީގެން ކަމަށް އެމްޑީޕީގެ ރައީސް، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު އެގޮތަށް ވިދާޅުވީ ނަސްރުގެ ދުވަހުހެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ. ރައީސް ވިދާޅުވެފައިވަނީ އޯ ލެވެލްއިން ފާސްނުވުމުގެ ސަބަބުން އިތުރަށް ކުރިއަށް ނުދެވިފައިތިބި ދަރިވަރުންް އެމްއެންޑީއެފް އަދި ފުލުހުންގެ ވަޒީފާއަށް ވަނުމަށް މަޖުބޫރުވާނެ ޕްރޮގްރާމެއް ފެށުމަށް ނިންމައިފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒުވާނުންގެ އުންމީދުތަކުގައި ހަގީގީ ކުލަ ޖެހޭނީ، އޯލެވެލްގައި ރަނގަޅު ނަތީޖާއެއް ހާސިލުނުވާ ދަރިވަރުންނަށް، އެ ދަރިވަރުން ޝައުގުވެރިކަން ހުރި ދާއިރާއަކުން އިތުރު ތަމްރީނާއި ހުނަރުތައް ލިބޭނެ މަގު ފަހިކޮށްދީގެން ކަމަށެވެ.
"ސަލާމަތީ ޚިދުމަތްތައް ޒަމާނާ އެއްގޮތަށް ތަރައްގީކޮށް ކުރިޔަށް ގެންދެވޭނީ އިލްމީ ގާބިލު ޒުވާނުންނަށްވެސް އެހިދުމަތް ކުރުމަށް ފުރުސަތު ލިބިގެން. އޯލެވެލްގައި ރަގަޅު ނަތީޖާއެއް ހާސިލު ނުވާ ކުދިންނަށް އެކުއްޖެއްގެ ޝައުގުވެރިކަން ހުރި ދާއިރާ އަކުން އިތުރު ތަމުރީނާއި ހުނަރުތައް ލިބޭނޭމަގު ފަހިކޮށްދީ ގައުމުގެ ތަރައްގީގައި ބައިވެރިވެ ޝާމިލުވެވޭ ގޮތަށް ޖާގަ އޮތުމަކީ އެފަދަ ޒުވާނުންގެ އުންމީދުތަކުގައި ހަގީގީ ކުލަޖެހިގެންދާނޭ މަގު." ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ރާއްޖޭގެ މިހާރުގެ ހަގީގީ ހާލަތަކީ ސަލާމަތީ ހިދުމަތްތަކާ ގުޅެން ބޭނުންވާ ޒުވާނުން ތިބިކަން ކަމަށާއި އެ ޒުވާނުން ސަލާމަތީ ހިދުމަތްތަކާ ގުޅެން ބޭނުންވަނީ އެއްވެސް މަޖުބޫރު ކަމެއް ނެތި ކަމަށެވެ.
ވަކި ދާއިރާއަކުން ވަޒީފާ އަދާކުރުމަށް ނުވަތަ ހިދުމަތް ކުރުމަށް މަޖުބޫރުކުރުވުމަކީ ޑިމޮކްރަޓިކް ނިޒާމާ ބީރަށްޓެހި ގޮތެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް އޮތް ރަނގަޅު ގޮތަކީ ޒުވާނުނުންގެ ހުނަރުތައް ތަރައްގީ ކުރުމަށް މަގުފަހިކޮށްދިނުމާއި ވަސީލަތް ހޯދައިދީ ފުރަސަތު ތަނަވަސްކޮށްދިނުން ކަމަށް ޝާހިދު ވިދާޅުވި އެވެ.