ރާއްޖެއާއި ތުރުކީއާ ދެމެދު މިއަދު ސޮއިކުރި ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުުމުގެ ދަށުން އެ ގައުމުން 60 ޕަސަންޓުގެ އިމްޕޯޓު ޑިއުޓީ ނަގަމުން ދިޔަ މަހުގެ އުފެއްދުންތަކުގެ 39 ބާވަތަކަށް ޑިއުޓީ ނުނަގާނެ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިރޭ ބުނީ ދެގައުމުގެ ދެމުދުގައި ސޮއިކުރެވިގެންދިޔަ މިނިވަން ވިޔަފާރީގ އެއްބަސްވުމުގެ ސަބަބުން ރާއްޖެއިން ތުރުކީވިލާތަށް އެކްސްޕޯޓުކުރަމުންދާ، މަހުން އުފައްދާ 39 ބާވަތެއްގެ އުފެއްދުމަކަށް ޑިއުޓީއެއް ނުނަގާނެ ކަމަށެވެ. އެއީ މީގެ ކުރިން 60 ޕަސަންޓުގެ އިމްޕޯޓު ޑިއުޓީ ނަގަމުން އައި ތަކެތި ކަމަށާއި އޭގެ އިތުރުން 103 ބާވަތުގެ މަހުގެ އުފެއްދުންތައް ތުރުކީވިލާތަށް އިމްޕޯޓު ކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތައް:
- ތުރުކީވިލާތުން ހެޔޮ އަގުގައި ދިވެހި ރައްޔިތުންނަށް މުދާ ލިބޭނެ ގޮތް ހަމަޖެހުން
- އެކްސްޕޯޓު އަދި ރިއެކްސްޕޯޓު ކުރުމުގެ ދާއިރާތަކުގެ އުފެއްދުންތެރިކަން ރާއްޖޭގައި އިތުރުވުން
- ދިވެހީންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުވުން
ކުދި އަދި ބޮޑެތި ވިޔަފާރިތަކަށް ލިބިގެންދާނެ ފައިދާތައް:
- ހިފާ ގެންގުޅޭ ތަކެތި ހެޔޮ އަގެއްގައި އިމްޕޯޓު ކުރެވުން
- ތުރުކީވިލާތުގެ ވިޔަފާރިތަކާ އެކު ގުޅުން ގާއިމް ކުރުމުގެ ފުރުސަތު ފަހިވުން
- ބޮޑެތި ވިޔަފާރިތަކުން އިމްޕޯޓުކުރާ އިމާރާތް ކުރުމުގެ ސާމާނު ފަދަ ތަކެތިން ޑިއުޓީގެ ބޮޑެތި ލުއިތަކެއް ލިބި، އުމްރާނީ ތަރައްގީއަށް ކުރާ ޚަރަދު ކުޑަވުން
- އެކްސްޕޯޓު މާކެޓުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ މާކެޓު އިތުރުވުން
ޑިއުޓީގެ ލުއި ލިބޭ ބާވަތްތައް:
- ކާބޯތަކެތި
- ސިނާއީ އަދި ކޮންސްޓްރަކްޝަން މެޓީރިއަލް
- މެރިން އަދި ޓްރާންސްޕޯޓު
- މެޝިނަރީ އަދި އިކުއިޕްމަންޓު
- ހިފައިގެންގުޅޭ ތަކެތި
- ފަރުނީޗަރު
އެ އެއްބަސްވުމަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި، ދެ ގައުމުގެ ސަރުކާރުން ކަނޑައަޅާ ތާރީޚެއްގައެވެ.